ކުޅިވަރު

ޖޭޒް އާއި ގްރިޒްލީސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޔޫޓާ ޖޭޒް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފިއެވެ. މިމެޗް ޖޭޒް ކާމިޔާބުކުރީ 126 ޕޮއިންޓް 110 ޕޮއިންޓުންނެވެ.

މިމެޗް ވެގެން ގޮސްފައިވަނީ މިސީޒަންގައި ޖޭޒް ކާމިޔާބުކުރި 34 ވަނަ މެޗަށެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 35 ޕޮއިންޓް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގައިދިން ޖޯނަސް ވެލެންސިއުނާސްއެވެ.

މިމުބާރާތުގައި ނިއުޔޯކް ނިކްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 102 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނެގި އެލެކް ބަރކްސްއެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދިން ތަނާސިސް އެންޓެޓޮކޮއުންޕޯއެވެ. މީގެއިތުރުން ސެން އެންޓޯނިއޯ ސްޕަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ. މިމެޗްގައި ސްޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 14 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޑިޖޫންޓޭ މަރީއެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާދިން ނިކޮލާ ވުސެވިޗްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ބޮސްޓަން ސެލްޓިކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 111 ޕޮއިންޓް 94 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބުކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. ހިއުސްޓަން ރޮކެޓްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 107 ޕޮއިންޓުން ރޮކެޓްސް ކާމިޔާބުކުރިއިރު ވޮޝިންގޓަން ވިޒަޑްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ.