ޚަބަރު

އޭލެވެލް އިމްތިޙާނު ދެން ފަށާނީ އަންނަމަހުގެ 26ގައި


މިއަހަރުގެ މެއި މަހާއި ޖޫން މަހު ބޭއްވުމަށް ކުރިން ހަމަޖެއްސި އެޑެކްސެލް އޭލެވެލް އިމްތިޙާނު މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަމަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ހަދާ އޭލެވެލް އަދި އޭ.އެސް ލެވެލް އިމްތިޙާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވުމާއެކު މިހާރު އެއިމްތިޙާނު ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 26ވަނަ ދުވަހުކަމަށެވެ. އަދި މިބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރިން ތާވަލްކުރި ތަރީޚަށް އިމްތިޙާނު ބޭވުމަށް އެޑެކްސަލްއާއެކު ކުރި މަޝްވަރާތަކަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ.

އޭލެވެލް އިމްތިޙާނު ބާވާ ތާރީޚަށް ބަދަލު ގެނައުމާގުޅިގެން އެޗްއެސްސީ އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާން ނިމޭތާ އެއްމަސް ފަހުންނެވެ. މިގޮތުން ޖޫންމަހުގެ 13އިން 17އަށް އެޗް.އެސްސީ އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކުރިން އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މެއި މަހުގެ 5ވަނަ ދުވަހުއެވެ. އަދި އެއިމްތިޙާނު ނިމޭނީ ޖޫން މަހުގެ 17 އަށެވެ. އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމުމާގުޅިގެން މިމަހުގެ 11 ދުވަހުގެ ނިޔަލަށް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަން ހުޅުވާލިއެވެ.

މިއަހަރުގެ މެއި، ޖޫންގައި އޭއެސް، އޭލެވެލް އިމްތިޙާނު ނުބާއްވަން އިނގިރޭސިވިލާތުގެ ޕިއާސަންއިން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް އެ އިމްތިޙާނު ރާއްޖޭގައި ބާއްވަން ފަހުން އެޑެކްސަލްއިން ނިންމިއެވެ.

ކޯވިޑް-19ގެ ސަބަބުން 2020ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން އޯލެވެލް އާއި އޭލެވެލް އިމްތިޙާނު ބާއްވާ ތާރީޚްތަކަށްވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.