ޚަބަރު

ތައިވާނުގެ ވައިގެ ސަރަޙައްދަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވަދެއްޖެ


ގިނަ ޢަދަދެއްގެ ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ފާއިތުވި މަސްތަކުގައި ތައިވާނުގެ ސަރަޙައްދުގައި ޗައިނާގެ އަސްކަރީ ޙަރަކާތްތައްވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެއީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށް ތައިވާނުން ބުނެއެވެ. މިދިޔަ އަހަރުގެ ތެރޭގައި ތައިވާނުގެ ސަރަޙައްދަށް ޗައިނާގެ އަސްކަރީ އުޅަނދުތައް އާންމުކޮށް ވަންނަކަމަށް ތައިވާނުން ބުނި ފަހުން އެންމެ ގިނަ ޢަދަދެއްގެ އަސްކަރީ އުޅަނދުތައް އެ ސަރަޙައްދަށް ވަދެފައިވަނީ މާރިޗު މަހުގެ 26ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު 20 އަސްކަރީ މަތިންދާބޯޓު ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާކަމަށް އެ ޤައުމުން ބުނެއެވެ.

ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނީ މާރިޗު މަހުގެ 26ވަނަ ދުވަހު އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ޗައިނާގެ ގިނަ ޢަދަދެއްގެ އަސްކަރީ މަތިންދާބޯޓުތައް ވަނުމުން އިންޒާރު ދިނުމުގެ ގޮތުން ތައިވާނުން މިސައިލުތަކެއް ފޮނުވާފައިވާކަމަށެވެ. ޗައިނާގެ މަތިންދާބޯޓުތައް ތައިވާނާއި ފިލިޕީންސާ ދެމެދުން ދަތުރުކުރިކަމަށް އެ ވުޒާރާއިން ބުނެއެވެ.