ޚަބަރު

އަސްކަރިއްޔާގެ ތެރެއިން އަންހެނުންގެ ހުނަރު ތަރައްޤީކުރުމަށް ހަރުދަނާ ފުރުޞަތުތަކެއް ދޭންޖެހޭ: މާރިޔާ


އަސްކަރިއްޔާގެ ތެރެއިން އަންހެނުންގެ ހުނަރު ތަރައްޤީކުރުމަށް ހަރުދަނާ ފުރުޞަތުތަކެއް ދޭންޖެހޭކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ އ.ދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 65 ވަނަ ސެޝަންގެ ހަވާސާގައި، ލެޓްވިއާއިން އިންތިޒާމްކޮށްގެން، ރާއްޖެއިން ކޯ-ހޯސްޓްކުރާ ގޮތަށް ބޭއްވި "ރޯލް އޮފް ވިމެން ލީޑަރސް އިން ދަ މިލިޓަރީ އެންޑް ޕީސް ކީޕިންގ" ޕެނަލް ޑިސްކަޝަނަށް، ފޮނުއްވި ވީޑިޔޯ މެސެޖުގައެވެ.

އދއިން އިންތިޒާމްކުރި ޕެނަލް ޑިސްކަޝަންގައި ކެނެޑާ، ލައިބީރިޔާ، ނޯވޭ އަދި ލެޓްވިޔާއަށް ނިސްބަތްވާ އަންހެން ބްރިގޭޑިއަރ ޖެނެރަލުންނާއި ކާނަލުން ވަނީ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

ޕެނަލް ޑިސްކަޝަންއަށް މިނިސްޓަރ މާރިޔާ ފޮނުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހިފައިވާކަމަށެވެ. އަދި މިކަން ކުރެވޭނީ ލާމަސީލު އަންހެން ލީޑަރުން ބިނާކޮށް، އަސްކަރިއްޔާގެ ތެރެއިން އަންހެނުންގެ ހުނަރު ތަރައްޤީކުރުމަށާއި ލީޑަރޝިޕް ދެއްކުމަށް ހަރުދަނާ ފުރުޞަތުތަކެއް ދީގެންކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމީ ސަލާމަތަށް ހުރި ޒަމާނީ ނުރައްކާތަކާއި ކުރިމަތިލުމަށްޓަކައި ދެޖިންސުގެ ރައްޔިތުން ޝާމިލްވާހެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ.

128 އަހަރުގެ ދިގު ތާރީޚެއް އޮތް ދިވެހި ޤައުމީ ދިފާޢީ ބާރުގައި އަންހެން ސިފައިން ޙަރަކާތްތެރިވާން ފެށިތާ 32 އަހަރުވެގެންގޮސްފައިވާއިރު، އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ރެކްރޫޓްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖަނަވަރީމަހު އެކަނިވެސް، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ޕްރޮމޯޝަން ޙާސިލްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ޙާސިލްކުރެއްވި އަންހެން އޮފިސަރުންގެ ތެރެއިން 2 އޮފިސަރުން، އެމް.އެން.ޑީ.އެފްގެ ލަފާދޭ މަޖިލީހަށް އައްޔަންކުރެއްވުމަށްޓަކައި، އުޞޫލަށް ބަދަލު ގެންނަވާފައިވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައި އަންހެން ސިފައިން ތަމްޞީލުވާނެކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އަންހެން ސިފައިންގެ ހުނަރު ތަރައްޤީކުރަން އިތުރު ފުރުޞަތުތައް ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވަނީ، ދުނިޔޭގައި އަސްކަރީ ތަމްރީނުދޭ އެންމެ ދުވަސްވީ އަދި އެންމެ ޤަދަރުވެރި އެއް މަރުކަޒު ކަމަށްވާ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓަށް، މީގެ ކުރިން، ހަމައެކަނި ފިރިހެން ކެޑޭޓުން ފޮނުވުމުގެ ޒަމާންވީ ސަޤާފަތް އުވާލައި، ފުރަތަމަ ފަހަރަށް، ކޮމިޝަނިންގ ކޯހަކަށް ފޮނުވި ދިވެހި އަންހެން އޮފިސަރ ކެޑޭޓު، ފިރުޝާނާ ތައުފީޤު، "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑް"ގެ މަތިވެރި ޝަރަފު ޙާސިލްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އަސްކަރިއްޔާގެ ބޭރުން، މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކަށްވެސް މިނިސްޓަރ މާރިޔާ ބައްލަވާލެއްވިއެވެ. މިގޮތުން، ލޯކަލް ކައުންސިލް އިންތިޚާބުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރެއްވުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް އަންހެން 2 ފަނޑިޔާރުން އައްޔަންކުރެއްވުމާއި، މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމް ހިމެނޭހެން ގިނަ ޢަދަދެއްގެ އަންހެން ވަޒީރުން އައްޔަންކުރެއްވުން ފަދަ ކުރިއެރުންތައް އެކަމަނާ ފާހަގަކުރެއްވިއެވެ.