ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިންގ ގްރޫޕު ޖޭގެ އެއްވަނަ


2022 ވަނަ އަަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޖޭ ގައި ޖަރުމަނުވިލާތާއި އައިސްލަންޑް ބައްދަލުކުރިމެޗް ޖަރުމާނުވިލާތް ކާމިޔާބުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ޖަރުމަނު ޤައުމީ ޓީމެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗް ފެށިތާ ދެވަނަ މިނެޓްގައި ޖަހައިދިނީ ޖަރުމަނުވިލާތުގެ ލިއޮން ގޮރެޓްޒްކާއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ކައި ހަވާޓްސް ޖަހައިދިން ލަނޑުންނެވެ. އަދި ފަހު ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހައިދިނީ އިލްކާއި ގުންޑޮގާންއެވެ. މިމެޗް ފެށުމުގެ ކުރިން ޖަރުމަނު ޓީމްގެ ޖޯނަސް ހޮފްމަން ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމުން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ޖަރުމަނުވިލާތަށް ކުރިމަތިވިއެވެ. ނަމަވެސް ޖަރުމަނުގެ ސިއްހީ މާހިރުންނާއި މަޝްވަރާ ކުރުމަށްފަހު ނިންމީ މެޗް ކުރިއަށް ގެންދާ ގޮތަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނު ކޯޗް ހޯކިމް ލޯ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުން ނުފެނުނު ކަމުގައި ވީ ނަމަވެސް އޭނާގެ ކުޅުން ތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ވާރލްޑް ކަޕުގެ ތައްޔާރީތަށް މޮޅަކުން ފެށުނީތީ ވަރަށް ހިތްހަމަ ޖެހޭ ކަމުގައި އޭނާ ހާމަކުރިއެވެ.

މިކާމިޔާބީ އާއެކު ޖަރުމަނުވިލާތް އުޅެނީ ގްރޫޕް ޖޭގެ އެއްވަނައިގައެވެ. މިގްރޫޕްގައި ރުމޭނިއާ އާއި އަރްމީނިއާވެސް ވަނީ އެދެޓީމް ރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ.