ކުޅިވަރު

ގުރޫޕު އައިގެ އެއްވަނަ އިންގްލެންޑަށް


2022 ވަނަ އަަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އައި ގައި އިންގްލަންޑާއި ސެން މަރީނޯ ބައްދަލުކުރިމެޗް އިންގްލަންޑް ކާމިޔާބު ކޮށްފިއެވެ. ވެންބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިންގްލަންޑް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5 ލަނޑު ސުންލަނޑުންނެވެ.

މި މެޗްގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ޖޭމްސް ވާރޑް ޕްރޯސްއެވެ. މިއީ އިންގްލަންޑް ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އިންގްލަންޑްގެ ދެވަނަ ލަނޑު އޭގެ 7 މިނެޓްފަހުން ޖަހައިދިނީ ޑޮމިނިކް ކެލްވަރޓް ލުއިންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލަންޑުންވަނީ ތިން ގޯލްގެ ލީޑެއް ނަގާފައެވެ. މިލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައިދިނީ ރަހީމް ސްޓަރލިންގއެވެ. މިއީ އޭނާގެ ކެރިއަރގައި ކާމިޔާބުކުރި 150 ވަނަ ލަނޑެވެ. ސްޓަރލިންގވަނީ ކްލަބް ލެވެލްގައި 136 ލަނޑު ޖަހާ އިންގްލަންޑް ޓީމަށް 14 ލަނޑު ޖަހައިދީފައެވެ. އިންގްލަންޑުގެ ހަތަރުވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ކެލްވަރޓް ލުއިން ކާމިޔާބުކުރިއިރު ފަހު ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިންގްލަންޑް ޓީމަށް މުޅިން އަލަށް ކުޅެން ނިކުން އޮލީ ވޮޓްކިންސްއެވެ. މިމެޗްގައި އިންގްލަންޑްގެ މުހިންމު ބައެއް ކުޅުންތެރިން އަރުވާފައެއް ނުވެއެވެ. މިގޮތުން ކެޕްޓަން ހެރީ ކޭންވެސް މިމެޗުގައި އިނީ ބެންޗުގައެވެ. މިމެޗުން ފަސޭހަ ކަމާއެކު އިންގްލަންޑް މޮޅުވިނަމަވެސް ލަނޑު ޖަހަށް ލިބުނު ގިނަ ފުރުސަތުތަކެއް އެޓީމުންވަނީ ގެއްލުވާލާފައެވެ.

މިކާމިޔާބީއާއެކު އިންގްލަންޑް މިހާރުއުޅެނީ ކުޅުނު ފުރަތަމަމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް އައިގެ އެއްވަނައިގައެވެ. މިގްރޫޕްގައި އަލްބޭނިއާ އާއި އެންޑޯރާ ބައްދަލުކުރިމެޗް އަލްބޭނިއާ ކާމިޔާބުކުރިއިރު ސްކޮޓްލަންޑާއި އޮސްޓްރިއާ ބައްދަލުކުރިމެޗް ނިމުނީ އެއްވަރު ވެގެންނެވެ.