ދުރު ރާސްތާއަށް ދަތުރުކުރާ މިސައިލު އުފެއްދުމުގެ މަސައްކަތް ތައިވާނުން ފަށައިފިއެވެ.
ތައިވާނުގެ ސަރަޙައްދުގައި ޗައިނާގެ އަސްކަރިއްޔާއިންވަނީ އަސްކަރީ ޙަރަކާތްތައް އިތުރުކޮށްފައެވެ. އަދި ތައިވާނަކީ ޗައިނާގެ ބައެއްކަމަށް ޤަބޫލުކުރުމަށް ތައިވާނުގެ ސަރުކާރަށް މަޖުބޫރުކުރުމަށް ޗައިނާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައްދުގައި ތައިވާނުގެ އަސްކަރިއްޔާއިންވަނީ އެ ޤައުމުގެ އަސްކަރިއްޔާ ޒަމާނީކޮށް ޗައިނާއާ ދެމެދު އޮތް މައްސަލަ ގޯސްވެއްޖެ ޙާލަތެއްގައި ބަދަލުގައި ޙަމަލާދެވޭނެ ފެންވަރަށް އަސްކަރިއްޔާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.
ތައިވާނުގެ ޤާނޫނުހަދާ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ޤައުމުގެ ދިފާޢީ ވަޒީރު ޗިއު ކޯ-ޗެންގު ވިދާޅުވީ އެ ޤައުމުން އެންމެ ބޮޑު އަޙަންމިއްޔަތުކަމެއް ދެނީ ދުރު ރާސްތާއަށް ދަތުރުކުރެވޭ މިސައިލު އުފެއްދުމަށްކަމަށެވެ. އެފަދަ ހަތިޔާރެއް އުފެއްދުމުގެ ދިރާސާތައް އެ ޤައުމުން މެދުކެނޑުމެއްނެތި ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މިސައިލުތައް ދަތުރުކުރާ ރާސްތާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޭނާ ނުދެއްވައެވެ.