ވިޔަފާރި

މިއަހަރު އިންޑިއާއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަކީ އަމާޒެއް: މަޢުސޫމް


އަމާޒަކީ މިއަހަރު ނިމޭއިރު އިންޑިއާއިން 3 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ގެނައުންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިހާރު އިންޑިއާގައި ކުރިއަށްދާ ސާޓޭ ފެއަރގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް އިންޑިއާވެފައިވާއިރު އެޤައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ސަރުކާރުންދަނީ ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އިންޑިއާގެ ނިއުދިއްލީގައި ހުންނަވާ ފޯން މެދުވެރިކޮށް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުކަމަށާއި އެއާއެކު އިންޑިއާއަށް އަމާޒްކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

"ރާއްޖޭގެ މަރކެޓްގެ 23 ޕަސަންޓަށްވުރެ ގިނަ ޕަސަންޓް ހިއްސާކުރަނީ އިންޑިއާ ފަތުރުވެރިން، މިއަށްވުރެ ބާރަށް ކުރިއަށް ގެންގޮސްގެން އަޅުގަނޑުމެން މި ބަލަނީ އަހަރު ނިމޭއިރު، 3 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ކޯވިޑާއި ގުޅިގެން އިންޑިއާގައި ބާއްވާ ފެއަރތައް މިދިޔަ އަހަރު ވަރޗުއަލްކޮށް ބޭއްވުމަށްފަހު އިންޑިއާގައި ބާއްވާ ފުރަތަމަ ފެއަރއަށް ސާޓޭ ފެއަރވެފައިވާއިރު، މި ފެއަރއަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފެއަރގެ ކާމިޔާބީން އެނގިގެންދާނީ ފެއަރ ނިމޭއިރު ރާއްޖެއިން ބައިވެރިވި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ލިބުނު ކުރިއެރުންތަކުންކަމަށެވެ.

" ބައިބޯކޮށް މީހުން އުޅުމަނީ އަދި ކާމިޔާބީއެއްނޫން، ކާމިޔާބީއަކީ ބިޒްނަސް ޓު ބިޒްނަސް، ރާއްޖެއިން ވިއްކަން އައިސްތިބި މީހުނާއި މިކޮޅުން މީހުންނާއިއެކު ވާހަކަދެކެވި، ވިޔަފާރީގެ ކޮންކަހަލަ މުޢާމަލާތެއްގައިތޯ ސޮއި ޖަހާލާ ހިސާބަށް ދެވުނީ، އެއީ އެންމެ ބޮޑު އެއް ކަމަކީ، ވަކިން އަންނަ ޓޫރިސްޓުންވެސް ސްޓޭންޓަށް އައިސް ހޯދާ މައުލޫމާތުތައްވެސް މުޙިއްމު،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބުލް އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ 5 އެއަރލައިންއަކުން މިހާރު ދަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހަފްތާއަކު 61 ދަތުރު ބާއްވަމުންނެވެ. އަދި މީގެއިތުރުން މޯލްޑިވިއަން އަންނަ މަހުގެ 13 ވަނަ ދުވަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓާއި އިންޑިއާގެ މުމްބާއީއާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންވެ.

މިނިސްޓަރ ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ދެޤައުމު ދެމެދު ދަތުރުތައް ބާއްވާ އެއަރލައިންތައް އިތުރުކުރުން މުޙިއްމު ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކާއި އިންޑިއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ބޭއްވުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސަދަން ޒޯން ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ، މިހާރުވެސް ވާހަކަ އެބަ ދެކެވޭ، އިންޑިއާއިން ސީދާ ޑައިރެކްޓް ފްލައިޓެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނައުމަށް ޕެކޭޖެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާ އެބަ ކުރެވޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. މީގެތެރެއިން މިހާރުވަނީ ނޫސް ކޮންފަރެންސްއަކާއި ރޯޑް ޝޯއެއް ބާއްވާފައެވެ.

މިހާރު ކުރިއަށްދަނީ މި ދަތުރުގައި ހިމެނޭ އެންމެ މުޙިއްމު އެއް ބައެވެ. އެއީ ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް، ސާޓޭ ފެއަރގައި ބައިވެރި ރާއްޖެ ޕްރޮމޯޓްކުރުމެވެ.

މިއަހަރުގެ ސާޓޭ ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 13 ކުންފުންޏަކުން، 22 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާއަކީ މުޙިއްމު ޤައުމަކަށްވެފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރު އެއް ޤައުމަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން ހުސްވި އަހަރުތެރޭ އެޤައުމުން ރާއްޖެއަށްވަނީ 62000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.
ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ.