ކުޅިވަރު

ސާއިދަށް ވުރެއް ބާރަށް ދުވާ އެތްލީޓުން އެބަތިބި:މުންތަގިމް


ކުރިއަށް އޮތް ހަ އަހަރުގެ ދުވަހުގެ ތެރޭގައި ރާއްޖެއިން ސާއިދަށް ވުރެއް ބާރަށް ދުވާ އެތްލީޓުން ފެނިގެންދާނެކަމަށް އުންމީދު ކުރާކަމަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ މިހާރު ރާއްޖޭގައި ސާއިދުއަށް ވުރެއް ބާރަށް ދުވާ ކުދިން ފާހަގަކުރެވިފައިވާކަމަށެވެ. އެތްލެޓިކްސްއަކީ ވަރަށް ޅައުމުރުގައި ފަށަންޖެހޭ ކުޅިވަރަކަށްވާއިރު، މިހާރު ގައުމީ ޖޫނިއަރ ޓީމުގެ ބައެއް އެތްލީޓުން ސާއިދު އެންމެ ފުރަތަމަ ދުވި އިރަށް ވުރެއް ބާރަށް ދުވާކަން ފާހަގަކުރެވިފައިވާކަން މުންތަގިމް ވިދާޅުވިއެވެ.

"ސާއިދު މިހާ ހިސާބަށް އައިއިރު، ސާއިދުގެ އެއުމުރުފުރާގައި ސާއިދު ފެށި ހިސާބަށް ޖެހިލާއިރު، އެއުމުރުފުރާގެ ކުދިން އެބަތިބި ސާއިދުއަށް ވުރެއް ރަގަނޅަށް ދުވާ ކުދިން. މިހާރުވެސް މިކުދިންދަނީ މާލޭގައި ޓްރެއިނިން ހަދަމުން. އެންމެ ފަހުން ޖެނުއަރީ މަހުގެ ޓައިމް ޓްރެޔަލަތަކުން އެކަން އެބައްދައްކާ. ބައެއް ކުދިން އެބަހުރި 10 ސިކުންތުން ބައެއް ޖޫނިއަރ ކުދިން އެބަހުރި ދުވެފަ. އެކުދިންނަށް ގައިޑްކޮށްދީގެން ރަގަނޅަށް ދެވޭކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ސާއިދުއަށް ވުރެއް ރަގަނޅު ޕަރފޯމަންސްއެއް އެކުދިންގެ ފަރާތުން ކުރިއަށް އޮތް 5 ނުވަތަ 6 އަހަރު ދުވަހުގެ ތެރޭގައި ފެނިގެން ގޮސްދާނެ. މިފާހަގަކުރަނީ އުމުރުން 18 އަހަރުގެ ކުދިން." މުންތަގިމް ވިދާޅުވިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމްބުނީ އެތްލީޓުންނަށް މިހާރު ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ގަބޫލް ކުރާކަމަށާއި ކޯވިޑް-19ގެ ހާލަތުން އަރައިގަނެވި، އެއްވެސް ގައިޑްލައިނެއް ނެތި އެކުވެނި ސިންތަޓިކް ޓްރެކްގައި ދުވެލަން ލިބުމުން އެތްލީޓުންގެ ފެންވަރު ފެނިގެންދާނެކަމަށް މުންތަގިމް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއް ހޯދައިދީފައެވެ. މަލްޓިސްޕޯޓްސް ގޭމަކުން އެންމެ ފުރަތަމަ ރާއްޖެއަށް ރަން މެޑަލްއެއްވެސް ހޯދައިދީފައިވަނީ ހަސަން ސާއިދުއެވެ. އެއީ 2015ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވެގެންނެވެ. 2019ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސްގައިވެސް ސާއިދުވަނީ 100 މީޓަރު ދުވުމުންވެސް ރަން މެޑަލް ހޯދާފައެވެ. މިއީ ސައުތް އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހުގައި ރާއްޖޭގެ އެތްލީޓަކު ރާއްޖެއަށް ހޯދައިދިން ފުރަތަމަ ރަން މެޑަލްއެވެ.