ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިންގައި ނެދަލަންޑްސްއާ ވާދަކޮށް ތުރުކީ މެޗު ކާމިޔާބުކޮށްފި


2022 ވަނަ އަަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ޖީ ގައި ތުރުކީވިލާތާއި ނެދަލަންޑްސް ބައްދަލުކުރިމެޗް ތުރުކީވިލާތް ކާމިޔާބުކޮށްފިއެެވެ. ތުރުކީވިލާތުގައި ކުޅުނު މިމެޗް އެޤައުމުން ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ނެދަލަންޑްސްއިން އުފެއްދި ނަމަވެސް މިމެޗްގައި ތުރުކީވިލާތް ފެނުނީ މާ ގޯލާ ރައްޓެހިކޮށެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 މިނެޓްގައި ބުރާކް ޔިލްމާޒް ޖަހާދިން ލަނޑުން ތުރުކީވިލާތް މިމެޗްގައި ލީޑު ނެގިއެވެ. އަދި މެޗްގެ 34 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޔިލްމާޒްވަނީ އެޤައުމުގެ ލީޑު ފުޅާކޮށްދީފައެެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށުނު ތަނާ ތުރުކީވިލާތުގެ ހަކާން ޗަރަނަގްލޫވަނީ އެޤައުމަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިމެޗްގައި ނެދަލަންޑްސްއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހައިދިނީ ޑެވީ ކްލާސެންއެވެ. އަދި އޭގެ އެއްމިނެޓްފަހުން ލޫކް ޑެ ޖޮންގ ލަނޑެއް ޖަހާ މިމެޗްގައި ނެދަލަންޑްސްއަށް ހިތްވަރު އާކޮށްދިން ނަމަވެސް ރޭގެ މެޗްގައި ތުރުކީވިލާތަށް މޮޅު ކުޅުމެއް ދައްކަމުންދިޔަ ޔިލްމާޒް 81 ވަނަ މިނެޓްގައި ކާމިޔާބުކުރި ހެޓްރިކާއެކު އެއުންމީދުތައް ފަނޑުވެގެންދިޔައެވެ. މިމެޗްގެ އިތުރު ވަގުތުގައި ނެދަލަންޑްސްއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް މެމްފިސް ޑެޕާއީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެެއް ނުވިއެވެ.

މިކާމިޔާބީއާއެކު ތުރުކީވިލާތް މިވަގުތު އޮތީ ކުޅުނު ފުރަތަމަ މެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރޫޕް ޖީގެ ދެވަނައިގައެވެ. އެއްވަނައިގާ އެއްލަނޑުގެ ތަފާތުން އުޅެނީ ރޭ ޖިބްރޯލްޓަރ އާއި ބައްދަލުކޮށް ފަސޭހަކަމާއެކު މޮޅުވި ނޯވޭއެވެ. އަދި މިނާކާމިޔާބީއާއެކު ނެދަލަންޑްސްގެ ފަށުން މިވަނީ ގޯސްވެފައެވެ.