ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިންގައި އަޒަރުބައިޖާނާ ވާދަކޮށް ޕޯޗުގަލް މެޗު ކާމިޔާބުކޮށްފި


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އޭ ގައި ޕޯޗުގަލް އާއި އަޒަރުބައިޖާން ބައްދަލުކުރިމެޗް ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ. ޕޯޗުގަލްގައި ކުޅުނު މިމެޗް އެޤައުމުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ދެޤައުމުގެ ޤައުމީ ޓީމްގެ ފަރާތުން ފެނިގެން ދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ޕޯޗުގަލްއިން އުފެއްދި ނަމަވެސް އަޒަރުބައިޖާނުން ޑިފެންސަށް އިސްކަންދީގެން ކުޅުމުގެ ސަބަބުން އުފެއްދި ގިނަ ހަމަލާ ކާމިޔާބުވާގޮތެއް ނުވިއެވެ. މިމެޗްގައި ޕޯޗުގަލްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑަކީ އަޒަރުބައިޖާންގެ ކީޕަރ ޝަހްރުދީން މަހައްމަދަލިޔޭވް އަތުންޖަހާ ފޮނުވާލި ބޯޅައެއް އެޓީމްގެ މަކްސިމް މެޑްވެޑެވް ގައިގާ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ޕޯޗުގަލްގެ ކެޕްޓަން އަދި ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް މާކާމިޔާބު ރެއަކަށް ނުވިއެވެ. ރޮނާލްޑޯ ފޮނުވާލި އެއް ހަމަލާ މަހައްމަދަލިޔޭވް ދިފާއު ކުރިއިރު ދެން ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ. މީގެއިތުރުން ބްރޫނޯ ފެނާންޑޭޒް އާއި ފީލިކްސް ފޮނުވާލީ ދެހަމަލާއެއްވެސް ވަނީ އަޒަރުބައިޖާންގެ ކީޕަރ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގައި އަޒަރުބައިޖާނަށް ޕޯޗުގަލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ޕޯޗުގަލް މިހާރު އުޅެނީ ގްރޫޕް އޭގައި ޖަހާފައިވާ ލަނޑަށް ބަލާއިރު ދެވަނައިގައެވެ. އެއީ ކުޅުނު އެއްމެޗުން ލިބިފައިވާ ތިން ޕޮއިންޓާ އެކުއެވެ. މިގްރޫޕްގެ އެއްވަނައިގާ އުޅެނީ ރޭ ރިޕަބްލިކް އޮފް އައިލަންޑް 3 ލަނޑު 2 ލަނޑުން ބަލިކުރި ސަރބިއާއެވެ.