ވިޔަފާރި

ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް އެމްއެމްއޭއިން ވެބިނަރ ސީރީސްއެއް ކުރިއަށް ގެންދަނީ


ގްލޯބަލް މަނީ ވީކް ފާހަގަކުރުމުގެ ގޮތުން، ވެބިނަރ ސީރީސްއެއް ދަރިވަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ފަށައިފިއެވެ.

ގްލޯބަލް މަނީ ވީކް އަކީ، އޯއީސީޑީ ނެޓްވޯކް އޮން ފައިނޭންޝަލް އެޑިއުކޭޝަން އެޑިއުކޭޝަންއިން އިސްނަގައިގެން ކޮންމެ އަހަރެއްގެ މާރިޗު މަހު ފަހު ހަފްތާގައި ފާހަގަކުރާ ހަރަކާތެކެވެ. އެގޮތުން މިއަހަރު ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އިން 28 އަށެވެ. އެގޮތުން މިހަފްތާ ފާހަގަކުރުމުގެ ގޮތުން، އެމްއެމްއޭގެ ފަރާތުން މިމަހުގެ 23 އިން 25 އަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ވެބިނަރ ސީރީސް އިފްތިތާޙް ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއެވެ.

އެމްއެމްއޭއިން ބުނީ މިހަފްތާ ފާހަގަކުރުމުގެ މަޤްސަދަކީ، ޅައުމުރުގައި ދަރިވަރުން ގައިގައި ފައިސާ ގެންގުޅުމުގެ ހުނަރުތަައް އަށަގަންނުވައި، ފަހަށް ރައްކާކުރުމުގެ މުހިންމުކަން ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އާއި ވިޔަފާރިއާއި ގުޅޭ ހުނަރުތައް ދަސްކޮށްދިނުމެވެ. މީގެއިތުރުން ޒުވާނުންނާއި ކުޑަކުދިން ފައިސާއާއި ގުޅޭގޮތުން ހޭލުންތެރިކުރުންވެސް ހިމެނޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

މިއަހަރު ގްލޯބަލް މަނީ ވީކްއަށް ކަނޑައަޅާފައިވާ ތީމަކީ "ޓޭކް ކެއަރ އޮފް ޔޯސެލްފް، ޓޭކް ކެއަރ އޮފް ޔޯރ މަނީ"އެވެ. މިއަހަރު މިތީމުގެ ދަށުން ކުރިއަށް ގެންދާއިރުވެސް، މައިގަނޑު ޝިއާރެއްގެ ގޮތުގައި ފައިތުވި އަހަރެކޭ އެއްފަދައި ބޭނުން ކުރާނީ "ލާން، ސޭވް، އާރން"އެވެ. މިޝިއާރުގެ ކޮންމެ ބަހެއްވެސް ބުނަނީ ފައިސާ ހެޔޮގޮތުގައި ބޭނުން ކުރުމަށްކަމަށް އެމްއެމްއޭއިން ބުނެއެވެ.