ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިންގައި ވޭލްސްއާ ވާދަކޮށް ބެލްޖިއަމް މެޗު ކާމިޔާބުކޮށްފި


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އީގައި ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ. ބެލްޖިއަމްގައި ކުޅުނު މިމެޗް އެޤައުމުން ކާމިޔާބު ކުރީ ވޭލްސްއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިންލަނޑު ޖަހައިގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބެލްޖިއަމްއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ކާމިޔާބުކުރީ ވޭލްސްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހެރީ ވިލްސަންއެވެ. މިމެޗްގައި ބެލްޖިއަމްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ކެވިން ޑި ބްރުއިނަރއެވެ. އަދި އޭގެ އަށް މިނެޓްފަހުން މިމެޗްގައި ބެލްޖިއަމްއަށް ލީޑު ނަގައިދިނީ ތޯގަން ހަޒާޑް ޖަހައިދިން ލަނޑުންނެވެ. އަދި ބެލްޖިއަމްގެ ތިންވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ 2019 ވަނައަހަރުގެ ޖޫންމަހުގެ ފަހުން ވޭލްސް ބައިނަލްއަޤްވާމީ ވާދަވެރި މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ވޭލްސްވަނީ އެ މުއްދަތުގައި ބައިނަލްއަޤްވާމީ 11 މެޗް ބަލިނުވެ ކުޅެފައެވެ.

މިކާމިޔާބީއާއެކު ދުނިޔޭގެ ރޭންކިންގގެ އެއްވަނައިގާ މިވަގުތު އޮތް ބެލްޖިއަމް މިހާރު އުޅެނީ ކުޅުނު އެއްމެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ ޖަހާފައިވާ ލަނޑުގެ ތަފާތުން މި ގްރޫޕްގައި ހިމެނޭ ޗެކްރިޕަބްލިކަށް ކުރި ލިބޭތީއެވެ. ޗެކް ރިޕަބްލިކް ވަނީ ރޭ އެސްޓޯނިއާ އާއި ބައްދަލުކުރިމެޗް 6 ލަނޑު 2 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.