ޚަބަރު

މުއިއްޒު ހާޒިރުކުރެވުނީ ޕްލޭން ކުރެވިގެން، އުސޫލުތަކުގެ ތެރެއިން ކުރިއަށްދާ ތަޙުޤީޤަކަށް: އޭސީސީ


ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އޭސީސީއަށް ހާޒިރު ކުރެވިފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދިޔަ ތަހުގީގަކަށް ދުރަލާ ޕްލޭން ކުރެވިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ތަހުގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެ، މީޑިއާގައި ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން އޭސީސީން ބުނެފައިވަނީ އެމައްސަލައަކީ ކައުންސިލް އިންތިޚާބު އިޢުލާންކުރުމުގެ މާކުރިންވެސް އެކޮމިޝަނުން ތަހުގީގް ކުރަމުންދާ މައްސަލައެއް ކަމަށެވެ.

އޭސީސީން ބުނެފައިވަނީ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކަކީ، ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަޙުޤީޤުތަކެއްކަމަށެވެ. މައްސަލަތަކުގެ ތަޙުޤީޤު ފަށާނެ ނުވަތަ ތަޙުޤީޤު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބުކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫންކަަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންކޮށް ތަޙުޤީޤު ކުރިއަށް ގެންދާނެގޮތާއި ތަރުތީބު ކަނޑައަޅާނީ އެ ކޮމިޝަނުން ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނެފައިވަނީ އެކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ކޮމިޝަނަށް ހާޒިރު ކުރެވޭ މީހުންނާއި އަދި ހާޒިރު ކުރެވޭ ސަބަބެއް އެއްވެސް އިރެއްގައި މީޑިޔާއަށް ހާމަ ނުކުރާކަމަށެވެ. އަދި މިމައްސަލައިގައިވެސް އަމަލުކޮށްފައިވަނީ އެއެސޫލުންކަމަށެވެ. ޑރ. މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވެމުންދާއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އިޢުލާނުކުރިފަހުން މީގެކުރިންވެސް މުޢިއްޒު އޭސީސީއަށް ހާޒިރުކޮށްފައިވާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އޭސީސީން ބުނެފައިވަނީ މުއިއްޒު އެ ކޮމިޝަނަށް ހާޒިރު ކޮށްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށާއި އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފަށް އަދި އާންމުންގެ މެދުގައި ކޮމިޝަނާއިމެދު ނުބައި ތަޞައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއްކަމަށެވެ.

އޭސީސީން ބުނެފައިވަނީ މިފަދަ ފުރައްސާރަތަކަށް ބެލުމެއްނެތި، ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ކުރިއަށްދާނެކަށެވެ.