ވިޔަފާރި

ވިސާ ކާޑުން ހިންގާ ޓްރާންސެކްޝަންތައް ދިވެހި ރުފިޔާއިން ސެޓްލް ކުރަން ފަށަނީ


ވިސާ ކާޑު މެދުވެރިކޮށް ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް ދިވެހި ރުފިޔާއިން ސެޓްލް ކުރަން ފަށަން ނިންމައިފިއެވެ.

މިބަދަލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ އަހަރު ތެރޭގައި ވިސާ އިން ދިވެހިރާއްޖޭގައި "ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް" ވަނީ ތަޢާރަފު ކޮށްފައެވެ.

"ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް'ގެ ޚިދުމަތް ތައާރަފް ކުރުމުން ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިކަމަށެވެ. އެމްއެމްއޭއިން ވިދާޅުވީ ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް" ތަޢާރަފު ކުރުމުގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާއިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ ޓްރާންސެކްޝަންތަކަށް ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.

މީގެ އިތުރުންވެސް މުދަލާއި ޚިދުމަތުގެ އަގު ބަލައިގަތުމުގައި ރާއްޖޭގެ ބައެއް މާޗަންޓް އައުޓްލެޓުތަކުން ޔޫ.އެސް. ޑޮލަރުން އެ ޓްރާންސެކްޝަންތައް ބަލައިގަންނަމުންދާކަން އެމްއެމްއޭއަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ކާޑު އިޝޫކޮށްފައިވާ ބޭންކުން ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތައް ސެޓްލްމަންޓް ހެދުމަށްޓަކައި ޔޫ.އެސް ޑޮލަރަށް ބަރޯސާވާން ޖެހޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއިން ވިދާޅުވީ ރާއްޖޭގައި ވިސާ ގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް" ތަޢާރަފް ކުރެވިގެންދިޔުމާއިއެކު މި ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ވެސް ދިވެހި ރުފިޔާއިން ހެދޭނެ މަގު މިހާރު ވަނީ ފަހިވެފައި ކަމަށެވެ.
މިއާއެކު ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިންގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތްތަކަށް އެމްއެމްއޭ އިން ވަނީ އަންގަވާފައެވެ.

މިބަދަލާއި ގުޅިގެން ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން، އެ ފަރާތްތަކުގެ މުދަލާއި ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫ ކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމަ އެކަނި ދިވެހި ރުފިޔާއިންނެވެ. އަދި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާއެވެ.

މީގެސަބަބުން ކާޑު ޓްރާންސެކްޝަންތައް ސެޓްލް ކުރުމަށް ބޭންކް ތަކުން ޔޫ.އެސް ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރުވެސް ކުޑަ ވެގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

"ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް"ގެ ޚިދުމަތް ދިވެހިރާއްޖޭގައި އަދި ތައާރަފް ކޮށްފައިވަނީ ވިސާ އިން ކަމުން، މިނިންމުން މިވަގުތު ހިނގާނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަންޏެވެ.