ޚަބަރު

ވޭތުވެދިޔަ 2 އަހަރުދުވަހު ޓީބީ ޖެހިގެން 6 މީހުން ނިޔާވި: އައިޖީއެމްއެޗް


ވޭތުވެދިޔަ ދެއަހަރުދުވަހުގެ ތެރޭގައި ރާއްޖެއިން ޓީބީ ބަލީގައި 6މީހަކު ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްއިން ހާމަކޮށްފިއެވެ. ކޮންމެ އަހަރެއްގެ މާރޗްމަހުގެ 24 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ.

ދުނިޔޭގެ ފެންވަރުގައި ޓީބީ ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އަމާޒަކީ ޓީބީ ބައްޔާއިބެހޭގޮތުން މީހުން ހޭލުންތެރި ކުރުވުމާއި މުޅިދުނިޔެއިން މިބަލި ފުހެލުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކުން އެއްބާރުލާ މަސައްކަތްކުރުމެވެ. އެގޮތުން މިއަހަރުގެ ޝިއާރަކީ ' ދަ ކްލޮކް އިޒް ޓިކިންގް 'އެވެ. މި ޝިއާރު އަލިއަޅުވާލަނީ ދުނިޔޭގެ އެކި ގައުމުތަކުންނާއި ލީޑަރުން ޓީބީ ބަލި ދުނިޔެއިން ނައްތާލުމަށް ހަރަކާތްތެރިވުމަށް އޮތް ވަގުތު ކުޑަތަންވަމުން އަންނަކަމުގެ މުހިއްމުކަމަށެވެ.

ޓީބީ އަކީ ބެކްޓީރިއާ އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ވައިގެ ޒަރިއްޔާއިން ގައިންގަޔަށް ފެތުރޭ މި ބަލި އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި ޖެހެނީ ފުއްޕާމެއަށެވެ. ޓީބީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަމީހުން މަރުވާ 10 ބަލީގެ ތެރެއިން އެއް ބައްޔެވެ. އެގޮތުން ޓީބީ ބައްޔަކީ ރާއްޖޭގައިވެސް މުހިއްމު އަހައްމިއްޔަތުކަމެއް ދެވިގެން ފަރުވާދެމުން އަންނަ ބައްޔެކެވެ.

2018 ވަނަ އަހަރުގެ މާރޗްމަހުގެ 24 ވަނަ ދުވަހު އައިޖީއެމްއެޗްގައިވަނީ ރެސްޕިރޭޓަރީ އިންފެކްޝަން ޑިސީސަސް އެންޑް ޑައިގްނޯސްޓިކް ޔުނިޓް (އާރު.އައި.ޑީ.ޑީ.ޔޫ) ގައި މެދުކެނޑުމެއްނެތި ދަނީ ޓީބީ ބަލި ދެނެގަތުމަށް ހަދާ ޓެސްޓުތަކާއި، ޑޮކްޓަރަށް ދެއްކުން އަދި ބޭސްފަރުވާގެ ޚިދުމަތްތައް ދެމުންނެވެ. އައިޖީއެމްއެޗް އިން ވިދާޅުވީ ޓީބީ ބަލީގައި އައި.ޖީ.އެމް.އެޗް އިން ފަރުވާދެމުންދިޔަ ބަލިމީހުންގެ ތެރެއިން 2019 އާއި 2020 ވަނަ އަހަރާއި ދެމެދު 6މީހަކުވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. އާރު.އައި.ޑީ.ޑީ.ޔޫ ގައި 2019 އާއި 2020 ވަނަ އަހަރުގެ ތެރޭގައި 993 އަށްވުރެ ގިނަ ޓީބީ ކޮންސަލްޓޭޝަން ހިންގާފައިވާއިރު 6215 ސްޕިއުޓަމް ސްމިއަރ (ކުޅުގެ ސާމްޕަލް ނެގުމުގެ) ޓެސްޓް ވަނީ ހަދާފައެވެ. މީގެ އިތުރަށް 2098 ޖީންއެކްސްޕާޓް ޓެސްޓަށް ސާމްޕަލް ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުން އަންނަނީ ޓީބީ ބަލިމީހުންނަށް ދުވަހުން ދުވަހަށް ބޭސް ކާންދިނުމާއި، ޓީބީ ބޭސްތަކުގެ ސްޓޮކް ބެލެހެއްޓުމާއި، ޓީބީއަށް ޕޮޒިޓިވް ބަލިމީހުންގެ ފަރާތުން ކޮންޓެކްޓް ޓްރޭސިންގ ހަދައި ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ބަލިން ރަނގަޅުވުމަށްފަހު 3 މަސްފަހުން ފޮލޯއަޕް އަށް ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ސާމްޕަލްތައް ބަލައިގަނެ ތަހުލީލުތައް ހަދައި ރިޕޯޓްކުރުންވެސް ހިމެނެއެވެ.

އައި.ޖީ.އެމް.އެޗް ގެ އަމާޒަކީ ރާއްޖެއިން ޓީބީ ބަލި ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދީ ޓީބީ ބައްޔާއިބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.