ސިޔާސީ

ނައިބުރައީސްގެ މަޤާމުގައި ހުންނެވި އަދީބު މަޤާމުން ވަކިކޮށްފި


ނާއިބު ރައީސްކަމުގެ މަގާމުގައި
ހުންނެވި އަހުމަދު އަދީބްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް ނާއިބު ރައީސް
ކަމުގެ މަގާމުން ވަކިކޮށްފިއެވެ.ރައްޔިތުންގެ މަޖިލީހުން ދާދި
ދެންމެއަކު ނެގި ވޯޓްގައި 61 މެމްބަރުންގެ އިއްތިފާގުން ނާއިބު ރައީސަށް އިތުބާރު ނެތްކަމަށް
ފާސްކޮށްފައިވެއެވެ. ނާއިބު ރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ 57 މެމްބަރުންގެ
ވޯޓެވެ.

ރައީސުލްޖުމްހޫރިއްޔާ
އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ ތުހުމަތުގައި ނާއިބު ރައީސް އަހުމަދު އަދީބް
ހައްޔަރުކުރެވުމާއި އަދި އެމަނިކުފާނުގެ މައްޗަށް އެކަށީގެންވާ ހެކިހުރިކަމަށް
ތަހްގީގުކުރާ ފަރާތްތަކުން ހާމަކުރުމާއި އަދި ނާއިބު ރައީސްގެ މައްޗަށް އިތުބާރު
ނުކުރެއްވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާއި ގުޅިގެން
އިތުބާރުނެތްކަމުގެ މައްސަލަ  ރައްޔިތުންގެ
މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ ރައްޔިތުންގެ
މަޖިލިހުގެ މެމްބަރ އަބްދުއްރަހީމް އަބްދުﷲ އެވެ. 

މިމައްސަލަ ހުށަހެޅުއްވުމުން ގާނޫން
އަސާސީގައިވާގޮތުގެ މަތިން ޖަވާބު ދާރީވުމަށް 14 ދުވަހުގެ ނޯޓިހެއް ނާއިބު
ރައީސަށް އެރުވުމަށްފަހު މިއަދު މިމައްސަލާގައި ބަހުސްކުރެވިގެންދިޔައީ އިއްޔެ
ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ކުއްލި ހާލަތުގެ އަމުރުގެ ގަރާރުގައި
އެމުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުޑަކުރެއްވުމަށް ހުށަހަޅުއްވައި
ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމުންނެވެ. 

ނާއިބު ރައީސަށް އިތުބާރު ނެތްކަމަށް
ވޯޓްދީފައިވަނީ ވެރިކަންކުރާ ޕީޕީއެމާއި އެމްޑީއޭއާއި އަދި ޖުމްހޫރީ ޕާޓީން އެވެ. 

އިދިކޮޅު އެމްޑީޕީން މިވޯޓްގައި ބައިވެރިއެއްނުވެއެވެ. 

ނައިބް ރައީސް އަހްމަދު އަދީބު މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން ނައިބް ރައީސްގެ މަގާމުގައި ހުންނެވި، ޑޮކްޓަރ މުހައްމަދު ޖަމީލު ގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގާ މަގާމުން ވަކިކުރުމަށްފަހު، 22 ޖުލައި 2015 ގައެވެ.