ކުޅިވަރު

އިންގްލަންޑް ބައްދަލުކުރި އެއްދުވަހުގެ މެޗް އިންޑިއާ ކާމިޔާބުކޮށްފި


އިންޑިއާއަށް މިހާރު ޒިޔާރަތް ކުރަމުންދާ އިންގްލަންޑުގެ ކްރިކެޓް ޓީމާއި އިންޑިއާ ބައްދަލުކުރި ފުރަތަމަ އެއްދުވަހުގެ މެޗް އިންޑިއާއިން ކާމިޔާބުކޮށްފިއެވެ. މިމެޗް އިންޑިއާ ކާމިޔާބުކުރީ 66 ލަނޑުންނެވެ.

އިންޑިއާގެ ޕޫނޭގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެތޭ ފަސް ކުޅުންތެރިން ނުބައިވެގެން އިންޑިއާއަށް ހެދުނީ 317 ލަނޑެވެ. މިމެޗްގައި އިންޑިއާއަށް އެންމެ ރަނގަޅަށް ކުޅުނީ 98 ލަނޑު ހެދި ޝޭކަރު ދަވަން އާއި 58 ލަނޑު ހެދި ކުރުނާލް ޕާންޑްޔާއެވެ. އެއްދުވަހުގެ ފުރަތަމަ މެޗް ކުޅުނު ޕަންޑްޔާ ވަނީ 50 ލަނޑު އެންމެ 26 ބޯޅައިން ހަދާ އެއްދުވަހުގެ ބައިނަލްއަޤްވާމީ މެޗެއްގައި އަލަށް ކުޅުނު ކުޅުންތެރިޔަކު މިހާތަނަށް އެންމެ އަވަހަށް ހެދި ހާފް ސެންޗަރީ ހަދާފައެވެ. މިއީނިންގްސްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކީ 34 ލަނޑަށް 3 ވިކެޓް ނެގި ބެން ސްޓޯކްސްއެވެ. ޖަވާބުގައި އިންގްލަންޑް ކުޅެން އަރާ 42 އޯވަރު އެއްބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 251 ލަނޑެވެ. މިމެޗްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 94 ލަނޑު ހެދި ޖޮނީ ބެއަރސްޓޯއެވެ. އިންގްލަންޑްގެ ފެށުން ބެއަރސްޓޯއާއެކު ރަނގަޅުވިނަމަވެސް މައްސަލަ ދިމާވީ 41 ލަނޑަށް ފަސް ވިކެޓް ގެއްލުމުންނެވެ. އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކީ 54 ލަނޑަށް 4 ވިކެޓް ނެގި ޕްރަސީދު ކްރިޝްނާއެވެ.

އިންޑިއާ އާއި އިންގްލަންޑްގެ މެދުގައި ކުޅޭ އެއްދުވަހުގެ ބައިނަލްއަޤްވާމީ ތިންމެޗްގެ ސީރީޒްގެ ދެވަނަ މެޗް ކުޅުމަށް ހަަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ.