އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށް ރަޝިޔާއާއި ޗައިނާއިން އެދެފިއެވެ. މެންބަރު 15 ޤައުމުގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި ދާއިމީ 5 މެންބަރުން ހިމެނެއެވެ. އެއީ ޗައިނާއާއި ފަރަންސޭވިލާތާއި ރަޝިޔާއާއި އެމެރިކާއާއި އިނގިރޭސިވިލާތެވެ.
ހުޅަނގުގެ ޤައުމުތަކާއެކު ނުތަނަވަސް ގުޅުމެއް އޮންނަ ޗައިނާއާއި ރަޝިޔާއިން ދާއިމީ މެންބަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވަނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ދުނިޔޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅުގައި ހަމަޖެހުން ދެމެހެއްޓުމުގައި އިންސާނީ ނަސްލަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރާނެ ގޮތަކާމެދު މަޝްވަރާކުރުމަށް ދާއިމީ މެންބަރުންގެ ބައްދަލުވުމެއް ބޭއްވުމަކީ މުހިންމު ކަމެއްކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއެކު ޗައިނާއާއި ރަޝިޔާއިން އޮންނަ ގުޅުންވަނީ ހީނަރުވެފައެވެ. ދެ ޤައުމުން ނެރުނު ބަޔާނުގައި ސީދާ އެމެރިކާގެ ވާހަކަ ނުބުނި ނަމަވެސް ދެ ޤައުމުގެ ވަޒީރުންގެ މެދުގައި ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޮފް ވިދާޅުވީ އެމެރިކާގެ ޢަމަލުތަކާމެދު ދެ ޤައުމުންވެސް ހިތްހަމަ ނުޖެހޭކަމަށެވެ. އަދި ހުޅަނގުގެ ޤައުމުތަކުން އެ ޤައުމުތަކަށް ފެތޭ ޤަވާއިދުތަކަކަށް ދުނިޔޭގެ ބާރުތައް ތަރުތީބުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ބައިނަލްއަޤްވާމީ ޤަވާއިދުތައް ދެމެހެއްޓުމަށް ރަޝިޔާއާއި ޗައިނާއިން ކުރަމުންދާ މަސައްކަތް މުހިންމުކަމަށެވެ. އެ ބަޔާނުގައި ދެ ޤައުމުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް އެހެން ޤައުމުތަކުން ނުވަނުމަށްވެސްވަނީ ގޮވައިލައިފައެވެ.