ކުޅިވަރު

ނޫސްވެރިން ޒްލަޓާން އިބްރަހިމޮވިޗް ރޮއްވާލައިފި


ފަސް އަހަރު ފަހުން ގައުމީ ޓީމްއަށް ކުޅުމުގެ ފުރުސަތު ލިބުމާއެކު ނޫސްވެރިން، ވަރުގަދަ ޒްލަޓާން އިބްރަހިމޮވިޗް ރޮއްވާލައިފިއެވެ. ސްވިޑަންގެ ގައުމީ ޓީމް ޖޯޒީގައި ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒްލަޓާން އިބްރަހިމޮވިޗް ނޫސްވެރިން ރޮއްވާލާފައިވަނީ އޭނާއަށް ކުރުމަތިކުރިވި ސުވާލުތަކާއި ގުޅިގެންނެވެ.

އިބްރަހިމޮވިޗަކީ އާންމުކޮށް ނޫސްވެރިން ހާއްސަކޮށްލާ ކުޅުންތެރިއެކެވެ. ބައެއް ފަހަރު ޒްލަޓާން އިބްރަހިމޮވިޗަށް ސުވާލް ކުރުމަށްވެސް ބައެއް ނުސްވެރިން ފަސް ޖެހޭތަން އައިސްފައިވެއެވެ. އަދި އިބްރަހިމޮވިޗް ވެފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އެއްވެސް ޖެހިލުމެއްނެތި ސުވާލުތަކަށް ޖަވާބުދޭ ކުޅުންތެރިއަކަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޒްލަޓާން އިބްރަހިމޮވިޗަށް ރޮވިފައިވަނީ ނޫސްވެރިއަކު އޭނާ ގައުމީ ޓީމަށް ފަސް އަހަރުފަހުން ގުޅުމާއި ގުޅިގެން އޭނާގެ އާއިލާއިން އެކަމާއި ދޭތެރޭގައި ދެކެނީ ކިހިނެއްތޯ އެހުމުންނެވެ. އައިލާއާބެހޭ ފުރަތަމަ ދެ ސުވާލަށް އިބްރަހިމޮވިޗަށް ޖަވާބު ނުދެވުނުއިރު، ފަހު ސުވާލަށް ޒްލަޓާން އިބްރަހިމޮވިޗްވަނީ ރޮމުން ޖަވާބް ދީފައެވެ. ސުވާލަށް ޖަވާބުދެމުން އިބްރަހިމޮވިޗް ބުނީ މިއީ މިވަގުތު އެހާ ރަގަނޅު ސުވާލެއް ނޫންކަމަށާއި މިވަގުތު އާއިލާ ދޫކޮށްލާފައި ގައުމީ ޓީމަށް ކުޅެން އައީ، ގައުމީ ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ. އަދި ކެރިއަރުގެ ފަހުކޮޅުގައިވެސް ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތު ގެއްލުވާ ނުލީ ގައުމުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންކަމަށާއި ގައުމީ ޖާޒީގައި ގައުމު ތަމްސީލް ކުރުމަކީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރުވާކަމެއްކަމަށްވެސް ޒްލަޓާން އިބްރަހިމޮވިޗް ބުންޏެވެ.

ޒްލަޓާން އިބްރަހިމޮވިޗް ސްވިޑެންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ 2016ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން އެޓީމް ކެޓި ހިސާބުންނެވެ. ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް 2019ވަނަ އަހަރު އެލްއޭ ގެލެކްސީ ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވިފަހުން، އިބްރަހިމޮވިޗް އަންނަނީ މޮޅު ކުޅުމެއް އެޓީމުގައި ދައްކަމުންނެވެ. އޭސީ މިލާނަށް ބަދަލުވިފަހުން އިބްރަހިމޮވިޗް ވަނީ 14 މެޗުގައި 14 ގޯލް ޖަހާފައެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ސްވިޑެނުން އެކުލަވާލި ސްކޮޑުގައި އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް ވަނީ ހިމަނާފައެވެ. ސްވިޑެންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހާފައިވާ އިބްރަހިމޮވިޗް ވަނީ ގައުމީ ޓީމަށް ކުޅުނު 116 މެޗުގައި 62 ޖަހާފައެވެ.

އިސްކޮޅުގައި 6 ފޫޓް 5 އިންޗި ހުންނަ އިބްރަހިމޮވިޗް އެންމެ ފުރަތަމަ ސެވިޑެންގެ ގައުމީ ޓީމަށް ކުޅެފައިވަނީ އުމުރުން 19 އަހަރުގައި ފަރޯއީ އައިލެންޑް އާއި ދެކޮޅަށެވެ. އަދި އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ގޯލެއް އިބްރަހިމޮވިޗް ޖަހާފައިވަނީ 2002ވަނަ އަހަރުގެ ވޯލްޑަކަޕް ކޮލިފައިންގައި އަޒަރުބައިޖާންއާއި ދެކޮޅަށެވެ. ސްވިޑެންގެ ގައުމީ ޓީމްގެ ކެޕްޓަންކަންވެސްކޮށްފައިވާ އިބްރަހިމޮވިޗްވަނީ ބާސެލޯނާ، ޕީއެސްޖީ، މެންޗެންސްޓަރ ޔުނައިޓަޑް، އެލްއޭ ގެލެކްސީއަށް ކުޅެފައެވެ. މެންޗެސްޓަރ ޔުނައިޓަޑަށް ކުޅުނު 53 މެޗްގައި އިބްރަހިމޮވިޗްވަނީ އެޓީމަށް 29 ގޯލް ޖަހާފައެވެ. ސްވިޑެންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 12 ފަހަރު އިބްރަހިމޮވިޗް ވަނީ ހޯދާފައެވެ.