ޚަބަރު

ސިވިލްސާވިސް ވަޒީފާއަށް މީހުން ނެގޭ ޢުމުރު 60އަށް މަތިކުރަނީ


ސިވިލް ސާވިސްގެ ވަޒީފާއަށް މީހުން ނެގޭ ޢުމުރު 60އަށް މަތިކުރަން ސިވިލް ސާވިސްގެ ޤާނޫނަށް އިސްލާޙް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. ރޮޒައިނާއަކީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރުވެސްމެއެވެ.

ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ރޮޒޭނާ ވިދާޅުވީ މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސިވިލްސާވިސް ކޮމިޝަނާއިއެކު މަޝްވަރާ ކުރުމަށްފަހު އެބޭފުޅުން ގެންނަން ބޭނުންވި އިސްލާހުތަކާއި އެކުގައިކަމަށެވެ. ސިވިލްސާވިސް ޤާނޫނަށް ރޮޒައިނާ ހުށަހަޅުއްވާފައިވާ އިސްލާހަކީ މިހާރު ސިވިލްސާވިސްގެ މަޤާމުތަކަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަށެވެ. ސިވިލްސާވިސް ގާނޫނުގެ 41 ވަނަ މާއްދާއަށް ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށެވެ. ހަމައެހެންމެ އުމުރުން 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކަށް ވެގެންނުވާނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ. މިހާރު ސިވިލް ސާވިސްގެ ވަޒީފާތަކަށް ނެގެނީ 55 އަހަރުން ދަށުގެ މީހުންނެވެ.

މީގެ އިތުރުން ސިވިލްސާވިސް ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނަކީ އަންހެނުންނަށް ހެދުމަށްވެސް ސިވިލްސާވިސް ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. މި އިސްލާހަކީ މަޖިލީހުގައި އެކި ފަހަރުމަތީން ރޮޒައިނާ ވަކާލާތު ކުރެއްވި މައްސަލައެކެވެ. ޚާއްސަކޮށް މިނިވަން ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރާއިރު ކޮމިޝަންތަކުގައި ވަކި އަދަދަކަށް މެމްބަރުން ތިބުމަށް ރޮޒައިނާ ވަނީ ބާރު އަޅުއްވާފައެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ، އެންމެ ގާބިލު މީހާއަށް ވަޒީފާ ދެވޭ ގޮތް ހެދުމަށްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގެ ތެރޭގައި ގާނޫނުގައި ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭންވާނީ ތައުލީމީ މީހާއަށްކަމަށް ބުނާ ޤާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) އުނިކުރަން ހުށަހަޅާފައިިވެއެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާގެ ބ ގައި ބުނެފައިވަނީ ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރުމަށް ވަޒީފާ ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިން އެމީހުންގެ ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.

އުނިކުރަން ހުށަހަޅާފައިވާ ބައިތައް:
(1) ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށެވެ.

(2) ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިލްމީ ފެންވަރު އެއްވަރުވެއްޖެ ހާލަތެއްގައި އިސްކަންދޭންވަނީ އެ ދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާގެ މައްޗަށް ބަލާ އެންމެ ރަނގަޅު ފަރާތަށެވެ.

މިބައިތައް އުނިކުރަން ހުށަހެޅީ ސިވިލް ސާވިސް ކޮމިޝަންގެވެސް ލަފާގެ މަތިން ކަމަށާއި އެ އިސްލާހާއެކު ވަޒީފާތަކަށް ނެގޭނީ އެންމެ ގާބިލު މީހާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެ މާއްދާ އުނި ކުރަން ހުށަހެޅީ، ގާނޫނުގެ 38 ވަނަ މާއްދާއާ އެ މާއްދާ ތައާރަޒްވާތީކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސިވިލްސާވިސްގެ ގާނޫނުގެ 38 ވަނަ މާއްދާއަކީ، ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑު ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަގާމަކަށް މީހަކު އައްޔަން ކުރަންވަނީ ސިޔާސީ ނުފޫޒުތައް އެކަހެރިވެފައިވާ ގޮތެއްގައި އަސާސީ މިންގަނޑަކަށް މެރިޓް ބަލައިގެންނެވެ. އަސާސީ މިންގަނޑަކީ، މެރިޓްކަމަށް ލައިގެން ވަޒިފާދިންކަމަށް ބެލެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެއެވެ. އެއީ އެއްކަމަކީ އެމީހަކީ ވަޒީފާގެ ޝަރުތު ފުރިހަމަވެފައިވާ މީހެއްކަމުގައިވުމާއި އެމީހެއްގެ ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންކަމަށް ބުނެއެވެ.