ޚަބަރު

ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް!


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކަށާއި، ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު، މާވަށު ދައިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުމުން ވޯޓުގައި ބައިވެރިވި 30 މެމްބަރުންގެ އަޤްލަބިއްޔަތުން ވަނީ މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސަށް ހުޅުވާލާފައެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިމައްސަލަ ހުށަހެޅުއްވި އެންމެ ބޮޑު މަޤްސަދަކީ ޤާނޫނު އަސާސީގެ 18 ވަނަ މާއްދާއިން ކަށަަވަރުކުރާ ހައްގުތައް ނުލިބުންކަމަށެވެ. އަދި ކެމްޕެއިންގައި އިދިކޮޅު ކޯލިޝަން ކެނޑިޑޭޓުންނާއި، ޕާޓީތަކަށް ކެމްޕެއިން ކުރެވޭނެ އެއްވެސް ގޮތެއް ނެތްއިރު ސަރުކާރުން މުޅި ރާއްޖޭގައި ދަތުރުކޮށްގެން ކެމްޕެއިން ކުރަމުންދާކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ.

ސައީދު ވަނީ މިމައްސަލާގައި ކެމްޕެއިނަށް ހަމަހަމަ ފުރުސަތު ހޯދާނެ ޖާގަ ތަނަވަސްކޮށް، އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރެވޭނެ މަގު ފަހި ކުރުމަށް ގޮވާލާފައެވެ.

މިމައްސަލައަށް ބަހުސްކުރެއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން ކޯވިޑާއިއެކު ކެމްޕެއިން ކުރަން އިދިކޮޅު ކޯލިޝަނުން ދަސްކުރަން ޖެހޭކަމަށެވެ. އެމްޑީޕީއަށްވެސް ރަށްރަށަށް ގޮސް ކެމްޕެއިން ކުރެވޭނެ ގޮތްތަކެއް ނެތްއިރު، މިހާލަތުގައި ކެމްޕެއިން ކުރެވެން އޮތް ގޮތެއް ހޯދައިގެން އިންތިޚާބު ކުރިއަށް ގެންދަންޖެހޭކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަމަށްބުނެ ކޯޓަށް ދާނެކަމަށްވެސް ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރަށްރަށަށް ދަތުރުކުރުމަށް ވަނީ ޙާއްސަ ގައިޑްލައިނެއް އެކުލަވަލާފައެވެ. މިގައިޑްލައިންގެ ތެރެއިން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރާނަމަ 10 ދުވަހު ކަރަންޓީން ވާންޖެހެއެވެ. އަދި ސިޔާސީ ފަރާތްތަކުުންވެސް އެ އުސޫލުން އެކަންކަން ކުރެވޭ ގޮތަށް އެޗްޕީއޭއިން ވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ.