ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


އިންފޮމޭޝަން ކޮމިޝަނަރ އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެމަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޒް މޫސާ އިއްޔެ އިސްތިއުފާދެއްވާފައިވާތީއެވެ. ފިޔާޒް މަޤާމުން އިސްތިއުފާދެއްވީ ނޫހެއް ހިންގެވުމަށްކަމަށް މަޢުލޫމާތު ލިބެއެވެ.

އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އެދި ހުށައަޅާ ފޯމްތައް މިމަހުގެ 30 އަދި 31ވަނަ ދުވަހު ހެނދުނު 9:30 އިން ފެށިގެން 13:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންް ބަލައިގަންނަމުންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު،www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު:1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.