އޮސްޓްރޭލިޔާގެ ބައެއް ސަރަޙައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ ބޮޑެތި ސަރަޙައްދުތަކެއްގައި ފެންބޮޑުވެއްޖެއެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފާއިތުވި 60 އަހަރުގެ ތެރޭގައި އެ ޤައުމުގައި ފެން ބޮޑު ނުވާ މިންވަރަށް ފެން ބޮޑުވާނެކަމަށްވަނީ ބެލެވިފައެވެ.
ފާއިތުވި ތިން ދުވަހު މެދު ކެނޑުމެއް ނެތި ބޯކޮށް ވަރޭ ވެހުމުގެ ސަބަބުން ނިއު ސައުތު ވޭލްސް ސްޓޭޓުގެ ކޯރުތަކުގެ ފެންގަނޑުވަނީ އުފުލިފައެވެ. އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި އެ ސްޓޭޓުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށްވަނީ މަޖުބޫރުވެފައެވެ. މީގެ އަހަރެއް ކުރިން ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވަންދެން އޮތުމުގެ ސަބަބުން އަލިފާން ރޯވުމުގެ ގިނަ ހާދިޘާތަކެއް ހިނގާފައިވާ ނިއު ސައުތު ވޭލްސްގެ ޕްރެމިއަރ ގްލޭޑިސް ބެރެޖީކްލިއަން ވިދާޅުވީ ކުރިއަށް އޮތް ހަފުތާއަކީ އުނދަގޫ ހަފުތާއަކަށް ވާނެކަމަށެވެ. އަދި އެ ސްޓޭޓުގެ ތާރީޚުގައިވެސް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މޫސުމަށް އެހާ ބޮޑެތި ބަދަލުތަކެއް އެހާ ކައިރިކައިރީގައި ކުރިމަތިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ތެރޭގައި ނިއު ސައުތު ވޭލްސް ސްޓޭޓުގެ ވެރިރަށް ސިޑްނީއަށް އެންމެ ގިނައިން ވާރޭ ވެހުނީ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު 111 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ފާއިތުވި ހަ ދުވަހުގެ ތެރޭގައި ނިއު ސައުތު ވޭލްސްގެ ބައެއް ސަރަޙައްދުތަކަށް ގާތްގަނޑަކަށް 900 މިލިމިމީޓަރުގެ ވާރޭ ވެހުނެވެ. އެއީ މާރިޗު މަހުގައި އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ ތިން ގުނަ އިތުރު މިންވަރެކެވެ. އެ ސްޓޭޓުން މިހާތަނަށް 18،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވެއެވެ.
ނިއު ސައުތު ވޭލްސްގެ ބޮޑު ސަރަޙައްދަކަށާއި އަވަށްޓެރި ކުއިންސްލޭންޑުގައި ފެންބޮޑުވާނެކަމުގެ އިންޒާރު ރަސްމީ އިދާރާތަކުންވަނީ ދީފައެވެ.