ޚަބަރު

އެމެރިކާގެ ދިފާޢީ ވަޒީރު ކުއްލި ގޮތަކަށް އަފްޣާނިސްތާނަށް


އެމެރިކާގެ ދިފާޢީ ވަޒީރު ލޮޔިޑް އޮސްޓިން އަފްޣާނިސްތާނަށް ރަސްމީ ދަތުރެއް ކުރައްވައިފިއެވެ. އޭނާ އަފްޣާނިސްތާނަށް ވަޑައިގަންނަވާކަން ކުރިން އިޢުލާނު ކޮށްފައެއް ނުވެއެވެ.

ދިފާޢީ ވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން އޮސްޓިން ފުރަތަމަ ފަހަރަށް އަފްޣާނިސްތާނަށް ޒިޔާރަތް ކުރައްވާފައިވަނީ އެ ޤައުމުގައި ޞުލްޙަ ޤާއިމު ކުރުމުގެ މަރުޚަލާތަކާއި އެ ޤައުމުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ޤައުމަށް ގެންދިޔުމާ ގުޅޭގޮތުން އެމެރިކާއިން ނިންމުންތަކެއް ނިންމަމުންދާ ދަނޑިވަޅެއްގައެވެ. އޮސްޓިން ވިދާޅުވީ އޭނާ އަފްޣާނިސްތާނަށް ވަޑައިގެންނެވީ ޙާލަތު ދެނެވަޑައިގަތުމަށްކަމަށާއި ދަތުރުގެ ސަބަބުން ގިނަ ކަންތައްތަކެއް އެނގިވަޑައިގެންނެވިކަމަށެވެ. އަދި އަފްޣާނިސްތާނާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއެކު ކުރައްވާ މަޝްވަރާތަކުގައި އެ މަޢުލޫމާތު ޙިއްޞާ ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމަވެރި ޠާލިބާން ޖަމާޢަތާއެކު އެމެރިކާއިން މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އެ ޤައުމުން ފޮނުވާލުމަށް އެމެރިކާއިން އެއްބަސްވިއެވެ. ނަމަވެސް އެ ތާވަލާ އެއްގޮތަށް އެކަން ކުރުމަށް ދަތިވާނެކަމަށް ރައީސް ބައިޑަންވަނީ ވިދާޅުވެފައެވެ. އެއްބަސްވި ތާރީޚުގެ ފަހުން އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ބޭތިއްބުމާ ދެކޮޅަށް ޠާލިބާނުންވަނީ އެމެރިކާއަށް އިންޒާރު ދީފައެވެ.