ޚަބަރު

ހޮޓާ، ކެފޭ، ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ލުއިގޮތެއް ހޯދައިދިނުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް


ހޮޓާ، ކެފޭ، ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ލުއިގޮތެއް ހޯދައި ދިނުމަށް ގޮވާލާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އިއުލާން ކުރެވިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް ދިގުދެމިގެންގޮސް، ގްރޭޓަރ މާލޭ ސަރަހައްދުގެ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެގޮތުން އެބޭފުޅުންގެ ވިޔަފާރި ހުއްޓި، އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަކަމީ ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއްކަމަށް ސަމީލް ވިދާޅުވިއެވެ.

ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓްތައް ހިންގާ ގިނަ މީހުންނަކީ ކުދި ވިޔަފާރިވެރިންނަށްވާއިރު، ބޮޑު ކުއްޔަށް ތަންތަން ނަގައިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވިޔަފާރިއަށް އެރި ލޮޅުންތަކުގެ ސަބަބުން ގިނަ ތަންތަން މުޅިން އިނދަޖެހިފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ކަރަންޓު ބިލާއި ފެން ބިލު ފަސްކޮށްދިން މުއްދަތުގެ ތެރޭގައިވެސް ބިލުތައް ނުދެއްކި، އެ ޚިދުމަތްތައް ކަނޑާލާފައި ހުރި ތަންތަންވެސް އެބަހުރިކަން ސަލީމް ފާހަގަކުރެއްވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވިޔަފާރީގައި ކުރިއަށްދެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ގޮވާލާފައެވެ. އަދި މިހާރު ހުރި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރާއިރު އެތައް ބައެއްގެ ވަޒީފާއާއި އާމްދަނީ ނުލިބޭނެ ގޮތަކަށް ހުރި ފިޔަވަޅުތަކާއިމެދު ވިސްނައި މިކަންކަމަށް އަވަސް ހައްލެއް ގެނައުމަށްވެސް މެމްބަރުން ވަނީ ގޮވާލާފައެވެ.

ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގަޑިއާމެދު އެ ސިނާއަތުގެ ބޭފުޅުންގެ ކަންބޮޑުވުމާއެކު އެޗްޕީއޭއިން ވަނީ އެތައްތަން ބަންދުކުރާ ގަޑިއަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު ރޭގަނޑު 10:30 އާއި ހަމަޔަށް ހޮޓާ، ކެފެޓޭރިއް އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް ގައިޑްލަނަށް ވަނީ ބަދަލު ގެނެސްފައެވެ.