އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިމެޗްގެ ފުރަތަމަ ހާފް ވެގެން ދިޔައީ ވެސްޓް ހޭމްގެ ހާފަކަށެވެ. މިގޮތުން މިހާފްގައި ވެސްޓް ހޭމްއިންވަނީ ތިން ލަނޑު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ ޖެސީ ލިންގާޑެވެ. އަދި ދެވަނަ ލަނޑު އޭގެ ދެމިނެޓްފަހުން ޖަހައިދިނީ ޖަރޯޑް ބޮވެންއެވެ. އަދި ވެސްޓް ހޭމްގެ ފަހު ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހައިދިނީ ތޯމަސް ސޮޗެކްއެވެ. މިމެޗްގައި އާސެނަލްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މިމެޗްގެ38 ވަނަ މިނެޓްގައެވެ. ނަމަވެސް މިލަނޑަކީ ވެސްޓް ހޭމްގެ ފަހު ލަނޑު ޖަހައިދިން ސޮޗެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި އާސެނަލްގެ ދެވަނަލަނޑުވެސް ވެގެންދިޔައީ ހެސްޓް ހޭމްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑަކަށެވެ. މިލަނޑުވަދެފައިވަނީ ކްރެއިގް ޑޯސަންއަތުންނެވެ. މިމެޗްގެ ނަތީޖާ އާސެނަލްއަށް ހަމަހަމަކޮށްދިނީ މެޗް ނިމެން 8 މިނެޓަށް ވެފައިވަނިކޮށް އެލެގްޒެންޑަރ ލެކަޒެޓްއެވެ.
މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ ހަތަރު ވަނައަށް އެރުމަށް ވެސްޓް ހޭމްއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. މިނާތީޖާއާއެކު ވެސްޓް ހޭމް މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮއެސް ބުނީ މިމެޗުން އެއްވަރުވެ އެއްޕޮއިންޓް ލިބުމަކީވެސް ކާމިޔާބީއެއް ކަމަށެވެ. މޮއެސް ބުނީ ބައެއް ފަހަރު އިދިކޮޅުން ކުޅޭ ޓީމްގެ ފެންވަރާމެދު އެއްވެސް ބަޔަކު ނުވިސްނާ ކަމަށާއި އާސެނަލްއަކީ ވަރުގަދަ ޓީމެއް ކަމުން މިމެޗް އެއްވަރުވެގެން ނިމުނީތީ ހިތްހަމަޖެހޭކަމަށެވެ. އަދި ޔޫރަޕުން ޖާގައެއް މިއަންނަ ސީޒަންގައި ކޮންމެ ސިފައެއްގައި ލިބުނު ކަމުގައިވިޔަސް އެކަންވާނީ ވެސްޓް ހޭމައަށް ކާމިޔާބީއަކަށް ކަމަށްވެސް މޮއެސް ބުންޏެވެ.
މިމެޗް އެއްވަރުވުމުން އާސެނަލް މިވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނީ މިމެޗްގެ ދެވަނަ ހާފްގައި ފެނިގެންދިޔައީީ އޭނާގެ ޓީމަށް ދެއްކި ދާނެ މޮޅުން ކަމަށެވެ. އަދި މިހާފްގައި ފެނިގެން އެދިޔައީ މިސީޒަންގައި މިހާތަނަށް އޭނާގެ ކުޅުންތެރިންނަށް ދެއްކުނު އެންމެ މޮޅު ކުޅުން ކަމަށްވެސް އާޓެޓާ ބުންޏެވެ.