ކުޅިވަރު

އެޓްލެޓިކޯއަށް ޕޮއިންޓް ތާވަލްގައި 4 ޕޮއިންޓްގެ ލީޑެއް


ސްޕެނިޝް ލަލީގާގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ އެޓްލެޓިކޯ މެޑްރިޑާއި އަލަވޭޒް ބައްދަލުކުރިމެޗް އެޓްލެޓިކޯ ކާމިޔާބުކޮށްފިއެވެ. އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު އެޓްލެޓިކޯއިން ބޯޅަ ގެންގުޅުން ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އަލަވޭޒްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ އެޓްލެޓިކޯގެ ތަޖްރިބާކާރު ފޯވަޑް ލުއިސް ސުވަރޭޒްއެވެ. މިއީ ސުވަރޭޒްގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 500 ވަނަ ލަނޑެވެ. އޭނާވަނީ އެޓްލެޓިކޯއަށް މިސީޒަންގައި ބަދަލުވިފަހުން މިހާތަނަށް 19 ލަނޑު ޖަހައިދީފައެވެ. އަދި 34 އަހަރުގެ މިކުޅުންތެރިޔާވަނީ ބާސެލޯނާއަށް 198 ލަނޑު، ލިވަޕޫލަށް 82 ލަނޑު ޖަހައިދީފައިވާއިރު އުރުގުއާއީ ޤައުމީ ޓީމަށް 63 ލަނޑު ޖަހާދިފައެވެ. އަދި އަޔެކްސް އެސްޓަރޑަމްއަށްވަނީ 111 ލަނޑު ޖަހާދިފައެވެ. މިމެޗްގެ ދެވަނަ ހާފްގައި އަލަވޭޒްއަށް ލިބުނު ޕެނަލްޓީއެއްވަނީ އެޓްލެޓިކޯގެ ކީޕަރ ޔާން އޮބްލެކް ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު އެޓްލެޓިކޯއަށް ޕޮއިންޓް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. އެއީ ކުޅުނު 28 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކުއެވެ. ދެވަނައިގާ އުޅޭ ބާސެލޯނާއަށް ލިބިފައިވަނީ 28 މެޗުން 62 ޕޮއިންޓެވެ. ބާރސާވަނީ ރޭ އެޓީމް ކުޅުނު މެޗް ފަސޭހަ ކަމައެކު ކާމިޔާބުކޮށްފައެވެ. މިމެޗުން ބަލިވި އަލަވޭޒް އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.