ކުޅިވަރު

ނެޓްސް އާއި ވިޒަޑްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 113 ޕޮއިންޓް 106 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނެގި ކައިރީ އަރވިންގއެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާ 13 އެސިސްޓް ދިން ރަސެލް ވެސްޓްވުޑްއެވެ.

މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް އޯވަރޓައިމް ކުޅެގެން 101 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދާދިން ޓޯބިއަސް ހެރިސްއެވެ. ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދިން ޖޫލިއަސް ރެންޑްލްއެވެ. މީގެއިތުރުން ނިއުއޯލިއަންސް ޕެލިކަންސްއާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. މިމެޗްގައި ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ދިން ބްރެންޑަން އިންގްރާމްއެވެ. އަދި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައި 10 އެސިސްޓް ދިން ނިކޮލާ ޔޮކިޗްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބޮސްޓަން ސެލްޓިކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 112 ޕޮއިންޓް 96 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. އަދި އިންޑިއާނާ ޕޭސަރސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 109 ޕޮއިންޓް 106 ޕޮއިންޓުން ޕޭސަރސް ކާމިޔާބުކުރިއިރު އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑަރއެވެ.