ޚަބަރު

އައްޑޫގެ ތަރައްޤީއަށް ފާއިތުވެދިޔަ 2 އަހަރު 535 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ - ރައީސް


ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި 535 މިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙއްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރަށްވެހި ފަތިސް ޕްރޮގްރާމުގައި އައްޑޫ ސިޓީގެ އެކި ދައިރާތަކަށް ކުރިމަތިލައްވާ ކެނޑިޑޭޓުންނާ މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުރެވިދިޔަ ހޭދައަކީ މާލެއަށް ސަރުކާރުން ކުރިހޭދައާއި ދާދި އެއްވަރެއްގެ ޢަދަދެއްކަަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިވީ ދުވަސްތަކުގައި ކޯވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއެކު ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ސަރުކާރުން ޕްލެއިންކޮށް އަދިމިހާރު އެވޯޑްކުރެވިފައިވާ މަޝްރޫޢުތައް ދާދިއަވަހަށް ފެށި އައްޑޫ ސިޓީއަށް ބޮޑު ބަދަލެއް ގެނެވިގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ފާއިތުވެދިޔަ 2 އަހަރުގައި އައްޑޫ ސިޓީގެ ޞިއްޙީ ނިޒާމަށް ބޮޑުބަދަލެއް ގެނެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެއާޕޯޓް ބޮޑުކޮށް، ކޮމާޝަލް ޕޯޓް ޤާއިމުކޮށް، ޓުއަރިޒަމްގެ ޒޯނު ތަރައްޤީ ކުރެވެމުން އައްޑޫ ސިޓީގެ އެތައްރައްޔިތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ، ތަރައްޤީގެ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

މީގެއިތުން އައްޑޫ ސިޓީގެ ހިތަދޫގައި ކޯޓް ކޮމްޕްލެކްސްއެއް މިއަހަރު ޤާއިމްކުރެވޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކޯޓް ކޮޕްލެކްސްގެ ތަފްސީލް ޙިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އައްޑޫ ހިތަދޫ ކޯތް ކޮމްޕްލެކްސްގެ މިހާރު ޑިޒައިންކުރުމަށް ހަވާލުކުރެވިފައިވާކަމަށާއި، އުއްމީދަކީ އައްޑޫ ކޮންވެންޝަން ސެންޓަރުފަދަ ރީތި ޑިޒައިނަކަށް އެތަން ޤާއިމްކުރެވުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތަކަކީ މީގެ އެތައްއަހަރެއް ކުރިއްސުރެ ނުކުރެވިފައިވުމުގެ ސަބަބުން މިސަރުކަރުން ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ. އޭގެތެރޭގައި އަސާސީ ގޮތުން ސަރުކާރުތަކުން ކުރަންޖެހޭ ބައެއްކަންކަންވެސް ނުކޮށް ހުރުމުން އެކަންކަންވެސް މިސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހި ކޮށްދެއްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.