ޚަބަރު

ކުނީގެ ޤައުމީ ސިޔާސަތު އިސްލާހުކުރަނީ


ކުންޏާއި ވަސީލަތްތައް މެނޭޖް ކުރުމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖާކޮށް ސްޓްރެޓެޖީއެއް އެކުލަވާލުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިމަސައްކަތަށް ޝައުގުވެރިވާ މިދާއިރާގެ ތަޖުރިބާ ހުރި ކޮންސަލްޓެންސީ ފާމްތަކުން ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު ވަނީ އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މި މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބައެކެވެ.
އެންވަޔަރަންމަމްޓް މިނިސްޓްރިން ވިދާޅުވީ މިމަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމާއި، ޤައުމީ ސިޔާސަތުތައް މުރާޖާކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު، ދާއިރާ އިތުރަށް ތަރައްގީ ކުރުންކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ކުނި މެނޭޖްކުރުމާބެހޭ ބިލްގެ ދެލި ކޮޕީއަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މިމަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ،

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑުމައްސަލައަކަށް ވުމާއެކު މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރުވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ތިލަފުށީގައި ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނައިރު އަތޮޅުތަކުގައި ކުނި ކޮށިތައް ޤާއިމްކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މިހާރު އަންނަނީ ރަށްރަށުގައި ގިނަދުވަސްތައް ވަންދެން ޖަމާކޮށްފައިވާ ކުނިތައް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވަނީ ރަށްރަށަށް ދިމާވެފައިއޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުން ކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ގިނަ ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ ހަވާލުކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަޞީލަތްތައް ތަރައްޤީ ކުރަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދާއިރާއިން ކުރިއަށްއޮތް ތަނުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށެވެ.