އިންގްލިޝް ޕްރިމިއަރ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗް ބްރައިޓަން ކާމިޔާބުކޮށްފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. ބްރައިޓަންއިން މޮޅު ކުޅުމެއް ދެއްކި މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމަށް ޖަހާދީނީ ލިއާންޑްރޯ ޓްރޮސާންޑްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާދިނީ ޑެނީ ވެލްބެކެވެ. އަދި ފަހު ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ ނީލް މައުޕޭއެވެ. މިއީ މިސީޒަންގައި ބްރައިޓަންއިން ގޯލާ އެންމެ ރައްޓެހިކޮށް ފެނުނު އެއް މެޗެވެ. ބްރައިޓަންއަށް މިސީޒަންގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މެޗްތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލަނޑު ނުޖެހުމުގެ މައްސަލައެވެ.
މިކާމިޔާބީއާއެކު ބްރައިޓަން މިހާރުއުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. އަދި މިކާމިޔާބީގެ ސަބަބުން ބްރައިޓަން މިވަނީ ރެލިގޭޝަނާވެސް ދުރަށް ޖެހިލާފައެވެ.
ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓަރ ބުނީ އޭނާގެ ޓީމް އެންމެފަހުން ސައުތެމްޓަންއާއި ބައްދަލުކޮށް މޮޅުވި މެޗާއެކު އާ ހިތްވަރެއް ލިބިފައިވާކަމަށެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިކަމަަށް އޭނާ ހާމަކުރިއެވެ. ލަނޑު ޖެހުމަކީ ފުޓްބޯޅައިގަ އެންމެ މުހިންމު ކަންތައް ކަމަށާއި ނަމަވެސް މިސީޒަންގައި އޭނާގެ ކުޅުންތެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުމުގެ މައްސަލަކަމަށް ޕޮޓަރ ހާމަކުރިއެެވެ. އެހެން ކަމުން މިމެޗްގައި ތިންލަނޑު ފެނިގެންދިޔުމުން ހިތްހަމަ ޖެހޭކަމުގައިވެސް ޕޮޓަރ ހާމަކުރިއެވެ.
މިމެޗުން ބަލިވުމުން ނިއުކާސްލްއަށް އަދިވެސް ރެލިގޭޝަންގެ ބިރުވެރިކަން ވަރަށް ބޮޑަށް އެބައޮތެވެ. ނިއުކާސްލް މިހާތަނަށް 29 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ނިއުކާސްލް އާއި 18 ވަނައިގާ އުޅޭ ފުލަމްއާއި ދެމެދުގައި ހުރީ 2 ޕޮއިންޓްގެ ތަފާތެވެ.