ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކާއި ވީ.އެފް.ބީ. ސްޓުޓްގާޓް ބައްދަލުކުރި މެޗް ކާމިޔާބުކޮށް ބަޔޭންއިން ޕޮއިންޓް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެެވެ. ބަޔޭންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސްޓުޓްގާޓުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފެއްދީ ބަޔޭންއިންނެވެ. މިމެޗްގެ 12 ވަނަ މިނެޓްގައި ބަޔޭންގެ އަލްފަންސޯ ޑޭވިސް، ސްޓުޓްގާޓްގެ ވަޓާރޫ އެންޑޯއަށް ކުރި ފައުލަކާއި ގުޅިގެންވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗްގެ ބޮޑުބައި ބަޔޭން ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މިމެޗްގައި ބަޔޭންއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާދިނީ އެޓީމްގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ސަރގީ ގްނެބްރީ ކާމިޔާބުކޮށްދިން އިރު ބަޔޭންގެ ތިންވަނަ ލަނޑު އޭގެ އެއްމިނެޓްފަހުން ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ލެވަންޑޯސްކީއެވެ. މިމެޗްގައި ބަޔޭންގެ ފަހު ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާ ލެވަންޑޯސްކީ ވަނީ މިމެޗްގައި ހެޓްރިކެއްވެސް ހަދާފައެވެ. މިއީ މިސީޒަންގައި ލެވަންޑޯސްކީ ބަޔޭންއަށް ކާމިޔާބުކޮށްދިން 42 ވަނަ ލަނޑެވެ.
މިކާމިޔާބީއާއެކު ބަޔޭންއަށް މިހާރު މިވަނީ ޕޮއިންޓް ތާވަލްގައި 4 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ކުޅުނު 26 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކުއެެވެ. ދެވަނައިގަ އުޅޭ އާރް.ބީ. ލިޕްޒިގަށް ލިބިފައިވަނީ 26 މެޗުން 57 ޕޮއިންޓެވެ. މިމެޗުން ބަލިވި ސްޓުޓްގާޓް އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.