ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގެ 12000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި


ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ 12000 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޙާއްސަ އިސްކަމެއްދީގެން ވެކްސިން ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ވުމެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 12793 މުވައްޒަފުންނަށް މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. މީގެތެރެއިން އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ރިސޯޓްތަކުގައި ޕްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ 12048 މުވައްޒަފަކު މިހާތަނަށް ވަނީ ވެކްސިން ޖަހާފައެވެ. ގެސްޓްހައުސްތަކުގެ 306 މުވައްޒަފަކަށް، ސަފާރީތަކުން 214 މުވައްޒަފަކަށް، ހޮޓެލްތަކުން 70 މުވައްޒަފަކަށް ވެކްސިން ވަނީ ޖަހާފައެވެ. މީގެއިތުރުން 64 މިއުޒީޝަނުންނަށް، 24 ޓްރެވެލް އެޖެންޓުންނަށް އަދި ޓޫރިޒަމް މިނިސްޓްރީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 67 މުވައްޒަފަކަށް މިހާތަނަށް ވެކްސިން ޖަހާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ރިސޯޓްތަކަށް ވެކްސިން ޖެހުމުގެ ހުއްދަ ދެނީ ވަކި ޙާއްސަ ކަންތައްތަކެއް ފުރިހަމަވެފައިވާނަމައެވެ. އޭގެތެރޭގައި ރަޖިސްޓްރޭޝަންއާއި، ވެކްސިން ޖަހާނެ ތަނާއި، ވެކްސިން ޖަހާ ނިންމުމަށްފަހު މޮނިޓަރިންގައި ބަހައްޓާނެ ތަނަކާއި، ކަމެއް ދިމާވެއްޖެނަމަ މޮނިޓަރިންގައި ބެލޭނެ ތަނެއް ހުންނަންޖެހެއެވެ. ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވާ ރިސޯޓްތަކާއި ކައިރީގައި ހުރި ރިސޯޓްތަކުންވެސް ވެކްސިން ޖެހުމަށް އެ ރިސޯޓްތަކަށް އަންނަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ވެކްސިން ބަހައްޓަނީ އަތޮޅު ހޮސްޕިޓަލްތަކުގައިކަމަށެވެ. ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ކޮންމެ ދުވަހެއްގަވެސް ރިސޯޓްތަކުގައި ޖަހާ ވެކްސިން އެ ރިސޯޓަކުން އައިސް އަތޮޅު ހޮސްޕިޓަލުން ނަގައިގެން ގެންގޮސް ޖަހާގޮތަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ، ޓޫރިޒަމް ސިނާއަތުގެ އެއްވެސް މުވައްޒަފަކު ވެކްސިން ޖަހަން ބޭނުންވެ، ވެކްސިން ނުޖެހި ނުދާނެކަމަށާއި އެކަމުގެ ޔަޤީންކަން މިނިސްޓްރީން ދޭކަމަށެވެ.