ޚަބަރު

އިނގިރޭސި ވިލާތުގެ އަސްކަރީ ކޯހަކުން ރާއްޖޭގެ އޮފިސަރަކަށް އެއްވަނަ


އިނގިރޭސި ވިލާތުގައި ބޭއްވި އަސްކަރީ ތަމްރީނު ކޯހަކުން ދިވެހި ސިފައިންގެ އޮފިސަރަކު އެއްވަނަ ހޯދައިފިއެވެ.
އެއްވަނަ ހޯދާފައިވަނީ ގދ.ފަރެސްމާތޮޑާއަށް އުފަން ސަރޖަންޓް ފިރުޝާނާ ތައުފީގުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓްގައި ކުރިއަށް ގެންދިޔަ އޮފިސަރ ކެޑޭޓް ކޯހުގައި ބައިވެރިވި ސަރޖަންޓް ފިރުޝާނާ ތައުފީގު، ބެސްޓް އިންޓަރނޭޝަނަލް ދަރިވަރުގެ މަޤާމު ހޯދާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އަންހެން އޮފިސަރަކު އެ ކޯހުގައި ބައިވެރިވި ފުރަަތަމަ ފަހަރުއެވެ.



ސާޖަންޓް ފިރުޝާނާގެ ކާމިޔާބު ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކިއެކި ސަރުކާރު ތަކުގައި ރާއްޖޭގެ އަންހެން ސިފައިންނަށް އެ މީހުންނަށް ޙައްގުވާ ފުރުސަތު ނުލިބި އޮތް ކަމީ ހިތާމައެއްކަމަށެވެ. އަދި ފިރުޝާނާއާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސްވަނީ މިއީ އެމްއެންޑީއެފްއަށާއި ރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއްކަން ފާހަގަކުރައްވާފައެވެ. އަދި ފިރުޝާނާއަކީ ޝަރަފްވެރި ސޭންޑްހާސްޓްގައި ތަމްރީނުވުމުގެ ފުރުސަތު ލިބުނު ފުރަަތަމަ އަންހެން އޮފިސަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.