ޚަބަރު

ކޯވިޑް-19 : ޚާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް ދިޔަ މީހަކު ޕޮޒިޓިވްވެއްޖެ


ޚާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށި ސިޓީއަށް މިއަދު ދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިމީހާ ކުޅުދުއްފުއްޓަށް ދިޔައީ ރާއްޖެއިން ބޭރުން، އައިސް މާލޭގައި މަޑުކުރުމަށްފަހު މިއަދުގެ ވަގުތެއްގައެވެ.

މިމީހާ ރާއްޖެ އައިސްފައިވަނީ 72 ގަޑިއިރުނުވާ ޕީސީއާރު ނަތީޖާއަކާއެކުއެވެ. ނެގެޓިވް ޕީސީއާރު ނަތީޖާ އޮތްނަމަވެސް ރާއްޖެއިން ބޭރުން އައި މީހަކަށްވުމުން އެ މީހާގެ ސާމްޕަލް މާލެއިންވެސް ނެގިއެވެ. މާލެއިން ނެގި ސާމްޕަލްގެ ނަތީޖާ ލިބުނީ އެ މީހާ ކުޅުދުއްފުއްޓަށް ދިޔަތާ ކުޑަވަގުތުކޮޅެއް ފަހުން ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ކުޅުދުއްފުއްޓަށް ގޮސް ނަތީޖާ ލިބުމާ ދެމެދު އެވީ ވަގުތުގައި އޭނާ ގޮސްފައިވަނީ އެއަރޕޯޓުން ގެސްޓްހައުސްއަށް އެކަނި ކަމަށާއި އެ ވަގުތުތަކުގައި އޭނާ އުޅެފައިވަނީ ގައިޑްލައިނާ އެއްގޮތަށް ކަމަށް އޭނާއާ ހަވާލުވި ފަރާތާ ހަވާލާދީ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

28 އަހަރުގެ ބިދޭސީ މި ފިރިހެން މީހާ ކުޅުދުއްފުއްޓަށް ދިޔައީ އެރަށުގައި ހިންގާ ބޭކަރީއެއްގެ މެޝިނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށެވެ. މިމީހާ މިހާރުވަނީ ކަރަންޓީންކޮށްފައެވެ.

ޚާއްސަ ހުއްދައިގެ ދަށުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާޢާއެކުއެވެ. އެހެންނަމަވެސް އެ ހާލަތުގައި އަންނަ ފަރާތްތަކުންވެސް މާސްކު އެޅުންފަދަ އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރަން ޖެހެއެވެ. އަދި އެމީހުން އާންމުންގެ ތެރޭގައި އުޅުމަކީވެސް މަނާކަމެކެވެ.