ވިޔަފާރި

އެމް.އައި.ޓީ.ޓީ ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް!


ރަޝީއާގައި ކުރިއަށް ގެންދިޔަ މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް އެންޑް ޓުއަރިޒަމް (އެމް.އައި.ޓީ.ޓީ) އެގްޒިބިޝަންގައި ރާއްޖެއިން ދެ އެވޯޑެއް ހާސިލް ކޮށްފިއެވެ.

މިމަހުގެ 16 އިން 18 އަށް ކުރިއަށް ގެންދިޔަ މި އެގްޒިބިޝަންގައި ރާޢްޖޭއިން ބައިވެރިވެ ހާސިލް ކޮށްފައިވަނީ ބެސްޓް އައިލޭންޑް ޕްރެޒެންޓޭޝަން އަދި ބްރައިޓް އެގްޒިބިޓިންގ އެވޯޑެވެ. މި ދެ އެވޯޑް ރާއްޖެއިން ހާސިލު ކުރީ، ރާއްޖޭގެ ހުށަހެޅުމުގެ ފުރިހަމަކަމާއި، އަދި ރާއްޖެއިން ފެއާގައި ޕްރޮމޯޓް ކުރުމަށް ކޮށްފައިވާ މަސައްކަތައް ބެލުމަށްފަހުކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމް.އައި.ޓީ.ޓީ 2021އަކީ ރާއްޖޭގެ ބޯޑަރު ކޯވިޑް-19 އާއި ގުޅިގެން ބަނދުކޮށް އަލުން ހުޅުވިފަހުން ރާއްޖެއިން ޢަމަލީ ގޮތުން ބައިވެރިވާ މިފަދަ ފުރަތަމަ ފެއާއެވެ. މިފެއާގެ ތެރެއިން އެވޯޑް ލިބުމާއި ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވީ، މިފަދަ އެވޯޑެއް ލިބުމަކީ ޝަރަފެއް ކަމަށާއި، އުއްމީދަކީ ރާއްޖޭގެ ސްޓޯލްތަކަށް ވީހާވެސް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށް، ރާއްޖޭގެ ހިތްގައިމު މާހައުލު ތަޖުރިބާ ކޮށްލަން އައުން ކަމަށެވެ.

ރަޝީއާގައި ބޭއްވި މިފެއާގައި ރާއްޖެއިން ބައިވެރިވި އެންމެ ބޮޑު މަޤްސަދަކީ، ރަޝިއާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް މިހާރަށް ވުރެ އިތުރުކޮށް، ކޯވިޑް-19ގެ ކުރިއަށް ހުރި އަދަދުތަކާއި ހަމަހަމަކުރުން ކަމުގައި އެމްއެމްޕީއާރްސީން ބުނެއެވެ.

ރަޝިއާގައި ބާއްވާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް އެންޑް ޓުއަރިޒަމް އެގްޒިބިޝަންއަކީ، ރަޝިއާއި ސީއައިއެސް ޤައުމުތަކުގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތެރިވާ ފަރާތްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓުއާރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުން އެއްތަނަކުން ބައްދަލުވެ ބައިވެރިވާ ފެއާއެކެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން، ރަޝިއާއަކީ ރާއްޖެއަށް ބޯޑަރު ހުޅުވިފަހުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރު މިހާތަނަށް އެޤައުމުން ސާޅީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.