ޚަބަރު

މިޔަންމާގެ ޙާލަތު ގޯސްވެ، ދުނިޔޭގެ ކުރިމަތީގައި އެކަހެރިވަނީ


މިޔަންމާގެ އަސްކަރީ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަ ން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދިވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންނެވެ.
މިޔަންމާގައި ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 224 މީހުންވަނީ މަރުވެފައެވެ. އަސްކަރިއްޔާއިން މިހާތަނަށް ހައްޔަރުކޮށްފައިވާ 2،258 މީހުންގެ ތެރޭގައި 37 ނޫސްވެރިންވެސް ހިމެނެއެވެ. މުޒާހަރާތައް އިންތިޒާމުކުރުމަށް ދަތިކުރުމުގެ ގޮތުން އަސްކަރިއްޔާއިންވަނީ އާންމުންނަށް އިންޓަނެޓުގެ ޚިދުމަތް ލިބުމަށް ދަތިކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިޔަންމާގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވެއެވެ. އެގޮތުން ޤައުމީ ބަޠަލެއްކަމުގައިވާ ސޫ ކީގެ ބައްޕާފުޅު އަން ސަންގެ އުފަން އަވަށް ހިމެނޭ ގޮތަށް މިޔަންމާގެ އެކި އަވަށްތަކާއި ސިޓީތަކުގައި އެތައް ހާސް ބަޔަކުވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތަކުގައި ތިން މީހުންވަނީ މަރުވެފައެވެ.

ހުޅަނގުގެ ޤައުމުތަކުންވަނީ މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތް ކުށްވެރިކޮށްފައެވެ. އަސްކަރިއްޔާއިން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓާލައި ސޫ ކީ މިނިވަންކުރުމަށް އެ ޤައުމުތަކުންވަނީ ގޮވައިލައިފައެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ މާހިރުންވެސްވަނީ މިޔަންމާގެ ސަރުކާރުގެ ޢަމަލުތައް ކުށްވެރިކޮށްފައެވެ. އަދި މިޔަންމާގައި އިންސާނީ ހައްޤުތަކާ ޚިލާފަށް ޢަމަލު ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދންވަނީ ގޮވައިލައިފައެވެ.

މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ ބާރުތަކުން އޮތީ ތައްޔާރަށެވެ. އެގޮތުން ވިލާތުގެ އިއްތިޙާދުން އަސްކަރިއްޔާގެ އިސްވެރިންނާ އަސްކަރިއްޔާގެ ވިޔަފާރިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވަނީ ނިންމައިފައެވެ. މިދިޔަ މަހުގެ ތެރޭގައި އެމެރިކާއިންވަނީ މިޔަންމާގެ އަސްކަރިއްޔާއަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި އިނގިރޭސިވިލާތުންވަނީ މިޔަންމާގެ އަސްކަރިއްޔާގެ ބައެއް އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. އެއާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މިޔަންމާގެ އެކަހެރިވެރިކަން ދަނީ އިތުރުވަމުންނެވެ.