ވިޔަފާރި

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީގެ ލިމިޓް 400000ރ އަށް މަތިކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކުގެ 'އުޖާލާ ދިރިއުޅުން' ފެސިލިޓީގެ ލިމިޓް 400000 އަށް މަތިކޮށްފިއެވެ.

އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީ އަކީ، އާންމު ދިރިއުޅުމުގައި ބޭނުން ކުރާ މުދާ ހެޔޮއަގުގައި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް، އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ދެވޭ ފެސިލިޓީއެކެވެ. އެގޮތުން މިފެސިލިޓީ ހަމަޖެއްސުމަށް އިތުރު ލުއިތަކެއް މިވަނީ ދީފައެވެ. އެގޮތުން 18 އަހަރުން މަތީގެ، މަދުވެގެން 6 މަސް ދުވަހު ވަޒީފާގައި އުޅޭ ކޮންމެ ފަރާތްތަކަަށްވެސް މި ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން މިފެސިލިޓީގެ ދަށުން މިހާރު 400،000 ރުފިޔާ އާއި ހަމައަށް މުދާ ނެގޭނެއެވެ. އެންމެ ދަށް އަދަދަކަށް މިފެސިލިޓީއަށް ނެގޭނީ 25،000ރ އެވެ. އަދި 18 މަހާއި 48 މަހާއި ދެމެދުގެ ކޮންމެ މުއްދަތަކަށްވެސް ފައިސާ ދައްކާ ޙަލާސް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން އިސްލާމިކް ބޭންކުން ހާމަ ކުރެއެވެ. މިއާއި އެކު މިހާރު މިސްކީމުގެ ދަށުން ސައިކަލުވެސް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިސްލާމިކް ބޭންކުން މައުލޫމާތު ދެއެވެ.

އިލެކްޓްރޯނިކް ސާމާނާއި ގޭގޭގައި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން މޮބައިލް ފޯނުާއި އައުޓްބޯޑް އިންޖީން އަދި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި ފަރުނީޗަރުފަދަ ތަކެއްޗާއި ސައިކަލުވެސް މި ސްކީމްގެ ދަށުން ނެގޭއިރު، މި ހިދުމަތަށް ފައިދާގެ ގޮތުގައި އެމްއައިބީއިން ލާފައި ވަނީ %13 އާއި %15 ލާފާކުރެވެއެވެ.

އިސްލާމިކް ބޭންކުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ފެސިލިޓީއަށް ހުށަހެޅުމުން 2 ދުވަހެއްގެ ތެރޭގައި ހަމަޖެހެއެވެ. އެއަށްފަހު މުދާ ގަތުމަށް ބޭނުންވާ ކޮންމެ ފަހަރަކުވެސް އެއްދުވަސް ތެރޭ މުދާ ލިބޭނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. އަދި ފެސިލިޓީ ބޭނުން ކުރުމަށް ކޮންމެ ފަރާތަކަށް ވެސް 6 މަސް ދުވަސް ލިބެއެވެ.