ކުޅިވަރު

ޓޮޓްނަމް ބަލިކޮށް ޑީނަމޯ ޒަގްރެބް ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލަށް


ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށް ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލުން ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކްއާޓަރ ފައިނަލުން ޒަގްރެބް ޖާގަހޯދީ ފަހު 16 ޓީމްގެ ބުރުގައި ސްޕަރސްއާއި ބައްދަލުކުރި ދެ ލެގްގެ މެޗް 3 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން ސްޕަރސް ކާމިޔާބުކޮށްފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގް ގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު ސުންލަނޑުން ޒަގްރެބް ކުރީގައި އޮތުމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ. ޒަގްރެބްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގްގައި ސްޕަރސް އިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޒަގްރެބުންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖެހީ ޒަގްރެބްގެ މިސްލާވް އޮރްސިޗްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާ އެގްރިގޭޓް ނަތީޖާ 2 ލަނޑު 2 ލަނޑުން އެއްވަރު ކޮށްދިނީވެސް އޮރްސިޗްއެވެ. މިނަތިޖާގައި އޮވެ ފުރިހަމަ ވަގުތު ހަމަވުމާއި ގުޅިގެން ނަތިޖާ ނެރެފައިވަނީ 30 މިނެޓްގެ ދެހާފް އިތުރަށް ކުޅެގެންނެވެ. މިގޮތުން މިމެޗުން ޒަގްރެބް މޮޅުކޮށްދީ ކްއާޓަރ ފައިނަލަށް އެޓީމް ގެންގޮސްދިން ލަނޑު މެޗްގެ 106 ވަނަ މިނެޓްގައި ޖަހާދިނީވެސް އޮރްސިޗްއެވެ. މިއީ ޔޫރަޕްގެ ބޮޑު މުބާރާތެއްގައި އޮރްސިޗް ހެދި ދެވަނަ ހެޓްރިކެވެ. މިމެޗްގައި ސްޕަރސްއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެގެންދިޔައެވެ. މީގެތެރެއިންވެސް ހެރީ ކޭންއަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ.

މިކާމިޔާބީއާއެކު ޒަގްރެބަށް މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަލިބިފައިވާއިރު ޓޮޓްނަމްއަށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ލިބިފައިވި އެންމެ ރަނގަޅު ފުރުސަތު މިހާރު މިވަނީ އަތުން ބީވެގެން ގޮސްފައެވެ.