އިންޑިއާ އާއި އިންގްލަންޑްގެ މެދުގައި ކުޅެމުންދާ ޓީ ޓުވެންޓީ ކްރިކެޓް ސީރީޒްގެ ހަތަރުވަނަ މެޗް އިންޑިޔާ ކާމިޔާބުކޮށް ދެމެޗް ދެމެޗުން ހަމަހަމަކޮށްފިއެވެ. އަހްމެދްއާބާދުގައި ކުޅުނު މިމެޗް އިންޑިއާ ކާމިޔާބުކުރީ އަށް ލަނޑުންނެވެ.
މިހާތަނަށް އެންމެ ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ އިންޑިއާއިން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 185 ލަނޑެވެ. މިއީ މިސީރީޒްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ހެދުނު މެޗެވެ. އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ބައިނަލްއަޤްވާމީ ފުރަތަމަ މެޗް ކުޅެން ނިކުން ސުރްޔާކުމާރު ޔާދާވްއެވެ. އޭނާވަނީ 31 ބޯޅައިން 57 ލަނޑު ހަދައިދީފައެވެ. މީގެއިތުރުން ރިޝަބް ޕަންޓް 30 ލަނޑު ހެދި އިރު ޝްރެޔާސް އިޔަރު ވަނީ 18 ބޯޅައިން 37 ލަނޑު ހަދާފައެވެ. މިއީނިންގްސް ގައި އިންގްލަންޑްއިން އެންމެ ރަނގަޅަށް އުކީ 33 ލަނޑަށް 4 ވިކެޓް ނެގި އަރޗަރއެވެ. ޖަވާބުގައި އިންގްލަންޑްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭ 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 177 ލަނޑެވެ.
އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑަށް 46 ލަނޑު ހެދި ބެން ސްޓޯކްސް އާއި 27 ބޯޅައިން 40 ލަނޑު ހެދި ޖޭސަން ރޯއިއެވެ. މިއިނިންގސްގައި އިންޑިއާއިން އެންމެ ރަނގަޅަށް އުކީ 42 ލަނޑަށް 3 ވިކެޓް ނެގި ޝަރްދުލް ޓާކޫރާއި 16 ލަނޑަށް 2 ވިކެޓްނެގި ހަރްދިކް ޕަންޑްޔާއެވެ.
މިމެޗް އިންޑިއާ ކާމިޔާބުކުރުމާއެކު ފަސް މެޗްގެ މައްޗަށް އެކުލެވޭ ޓީ ޓުވެންޓީގެ މިސީރީޒް ކާމިޔާބު ކުރާ ޓީމެއް ކަށަވަރުވެގެންދާނީ މާދަމާ ކުޅޭ ފަސްވަނަ މެޗުންނެވެ. އިއްޔެ ކުޅުނު ހަތަރުވަނަ މެޗްގެ ފަހު ކޮޅު އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީއަށް ކޮންމެވެސް ވަރަށް އަނިޔާވުމުގެ ސަބަބުން ހޭދަކުރީ ދަނޑުން ބޭރުގައެވެ. ނަމަވެސް އޭނާ ބުނީ މާދަމާގެ މުހިންމު މެޗަށް އޭނާ މުޅިން ފިޓްވާނެއެވެ.