ފޯމިއުލަރ ވަން ކާރު ރޭހުގެ މިއަހަރުގެ ސީޒަންގައި ބޭނުން ކުރާ އެންމެ ދުވެލި ހަލުވި ޓްރެކަކަށް ވެގެންދާނީ މިސީޒަންގައި އަލަށް ތައާރަފްކުރާ ސައުދީ އަރޭބިއަން ގްރޯން ޕްރީގައި ބޭނުން ކުރާ ޖިއްދާ ސްޓްރީޓް ސަރކިޓްކަމަށް އެފް ވަން އިން ހާމަކޮށްފިއެވެ.
އެފް ވަންއިން ހާމަކުރިގޮތުގައި މިޓްރެކްގައި އެވެރެޖްކޮށް ގަޑިއިރަކު 155 މޭލު ބާރު މިނުގައި ބުރެއް ޖެހޭނެއެވެ. މިއީ އެފް ވަންގައި މިފަހަރު ބޭނުންކުރާ ޓްރެކްތަކަށް ބަލާއިރު އެންމެ ބާރު ސްޕީޑެވެ. އެފް ވަންގެ މެނޭޖިންގ ޑިރެކްޓަރ ރޮސް ބްރައުން ހާމަކުރިގޮތުގައި މި ޓްރެކްގައި ދެ ކާރު ދެކާރަށް ކުރި ހޯދުމަށް ކުރާ ވާދަވެރިކަމުގައި ކުޅިބެލުންތެރިން ބަލާހިތްވާކަހަލަ ވާދަވެރިކަމެއް ފެނުމުގެ ފުރުސަތު ބޮޑެވެ. އަދި މި ޓްރެކް ފަރުމާކޮށްފައިވާގޮތުން ކާރުގެ ސްޕީޑް ފުރިހަމައަށް ނެގޭނެ ސަރަހައްދުތައް ގިނަވެފައި އޯވަރ ޓޭކް ކުރުމުގެ ފުރުސަތުވެސް ބޮޑުވެގެންދާނެކަމަށްވެސް ބްރައުން ހާމަކުރިއެވެ. ސައުދީ އަރޭބިއަން ގްރޯން ޕްރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރ މަހުގެ 3 އިން ފަހަކަށެވެ.
މިއަހަރުގެ ފޯމިއުލަރ ވަން ކާރު ރޭސް ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފްތާގައި ބަހްރެއިން ގްރޯން ޕްރީއިންނެވެ. އަދި ވަރަށްފަހުން ވަނީ ކާރުތަކުގެ ޓެސްޓް ބުރުތައް ތިންދުވަސްމަތިން ކުރިޔަށްގެންގޮސްފައެވެ. ޓެސްޓް ތަކުން ދެއްކި ގޮތުގައި މިސީޒަންގައި ފެނިގެންދާ ކާރުތަކުގެ ތެރެއިން މިވަގުތަށް އެންމެ ދުވެލި ބާރު ކާރަކަށް ފެނިގެންދާނީ ރެޑްބުލްގެ ކާރެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މަރސިޑީޒްގެ އާ ކާރުގައި ކޮންމެވެސް ވަރަކަށް މައްސަލަ އުޅޭނީ ސީޒަން ފަށާއިރު އެންމެ ފުރިހަމަ ކާރު އެޓީމްގެ ފަރާތުން ނުފެނިދާނެކަމަށް މަރސިޑީޒް ޓީމުން ހާމަކުރެއެވެ. ނަމަވެސް ގިނަ ބަޔަކު ޤަބޫލް ކުރާގޮތުގައި މިސީޒަންގައިވެސް އެންމެ ކުރީގައި އުޅުން ގާތީ މަރސިޑީޒްއެވެ. އަދި ރެޑްބުލްގެ ކާރުގެ ދުވެލި ހުރިގޮތުން މިސީޒަންގައި މަރސިޑީޒްއަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރާނެކަމަށް ބެލެވެއެވެ.