ޚަބަރު

ވަކާލާތުކުރުމުގެ ހުއްދަ ސުޕްރީމްކޯޓުން ދޭގޮތަށް ބަދަލުކޮށްފި


ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އެޓާރނީ ޖެނެރަލްގެ އޮފީހުން ދޭގޮތަށް އޮތް އޮތުން ބާތިލްކޮށް، އެހުއްދަ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ދޭގޮތަށް ކަނޑައަޅައިފިއެވެ. ބުދަދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ ރޫލިންގ އަކުން ވަނީ ކުރިން އަމަލުކުރެވެމުންދިޔަ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމާބެހޭ ޤަވާއިދު ބާތިލު ކުރައްވާ އާ ޤަވާއިދެއް އެކުލަވާލައްވާފައެވެ. ސުޕްރީމް ކޯޓުގެ ރޫލިންގައި ބުނެފައިވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުންނަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، ހަމަޖެހި އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަޢައްސުބުން އެއްކިބާވެ، ވަކާލާތުކުރުމުގެ އަޙްލާޤާ އެއްގޮތްވާ ގޮތުގެ މަތިން، ހަރުދަނާކަމާއެކު އިންސާފު ކަށަވަރު ކުރުމަޓަކައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭނެކަމަށެވެ. އަދި ޤާނޫނީ ވަކީލުންގެ ޕްރޮފެޝަނާ ގުޅޭކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަކީ މުހިންމު ކަމަކަށްވާއިރު، އެކަނަކަން އެހެން ފަރާތަކުން އިންތިޒާމު ކުރާގޮތައް މިހާރު ހަމަޖެހިފައި އޮންނާތީ ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ދުސްތޫރީ އުސޫލުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާއި، ވަކީލުންގެ ޕްރޮފެޝަންއާ ގުޅޭ އެހެނިހެން ކަންކަން ކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލުކުރުމަށް ނިންމާކަމަށެވެ.ޤާނޫނީ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދިނުމާބެހޭ އާ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ވަކީލުންނަށް ހުއްދަ ދިނުމަށް ވަކި ކޮމިޓީއެއް އެކުލަވާލަންޖެހެއެވެ. އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނައިބެވެ.މީގެ އިތުރުން ޤާނޫނީ ވަކީލުންގެ ދަފްތަރެއް އެކުލަވާލައި، ވަކީލުންގެ ފެންވަރަށް ރިޢާޔަތްކޮށްއެ ދަފްތަރު 5 ޖަދުވަލަކަށް ބަހާލަންޖެހޭކަމަށް އާ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަކީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިޔާ، އަދި ޝަރުޢީ ކޯޓުތަކުގެ ތެރެއިން އެންމެ މަތީ ކޯޓެވެ. ސުޕްރީމްކޯޓުން މިގޮތަށް ނިންމަވާފައިވަނީ އެކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.