އައްޑޫ ލިންކު ރޯޑުން، ހަންކެޑެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހާނީއްކަވި އަންހެން މީހާ ނިޔާވެއްޖެއެވެ.
މިއަންހެން މީހާ ނިޔާވެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެނައިރުވެސް ބޮލަށާއި ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް އެކިވަރުގެ ހާނީއްކަ ވެފައިވާކަމަށެވެ.
މިއަދު ހެނދުނު ހިނގި މިޙާދިސާގައި ނިޔާވެފައިވަނީ، ހިތަދޫން މަރަދޫ ފޭދޫއަށް ދިޔަ ޢުމުރުން 44 އަހަރުގެ އަންހެނެކެވެ. މައޫލޫމާތު ލިބިފައިވާގޮތުގައި އެމީހާ އެކްސިޑެންޓްވެފައިވަނީ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ލުމަށްފަހު ދިޔަ މަގުމަތީގައެވެ. އެމީހާ އެކްސިޑެންޓް ވިއިރު އެސަރަޙައްދުގައި އެއްވެސް އުޅަނދެއް ފެންނާކަށް ނެތްކަމަށް މަޢުލޫމަތުލިބިފައިވެއެވެ.