މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފުލުހުން ބޭނުންކުރުމަށް ބޭރުން ގެނައި ކުއްތާ، "ޝަކީރާ" މިއަދު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ރާއްޖެ ގެނައި ކުއްތާތަކުގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަން ހޯދި "ޝަކީރާ" މިއަދު މަރުވީ ބަލިވެ އުޅުމަށް ފަހުކަމަށެވެ.
ފުލުހުންގެ ފާރަ ގެމައަަށް 17 ކުއްތާ ގެނައެވެ. މީގެ ކުރިން ވެސް ކުއްތާއެއް މަރުވުމާ ގުޅިގެން މިހާރު ފާރަ ގެމައިގެ ގޮތުގައި އޮތީ 15 ކުއްތާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ގެންގުޅޭ ކުއްތާތަކަށް ނަން ދީފައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެގޮތުން ފުލުހުން ވަނީ އެ މުއައްސަސާގައި ބޭނުން ކުރާ ހަތަރު ކުއްތާއެއްގެ ނަން ހާމަކޮށްފައެވެ. އެއީ ޝަކީރާ، ބްލެކީ، ސޭމް އާއި ޓާރާއެވެ.
އެ ކުއްތާތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ އޮޕަރޭޝަންތަކުގެ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ޑޯގް ސްކޮޑުގައި ހިމެނޭ ކުއްތާތަކެވެ. މި ކުއްތާތައް ބޭނުންކޮށްގެން ގިނަ އަދަދެެއްގެ މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ވަނީ ހިންގައިފައެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ފުޅާ ކުރުމުގެ ގޮތުން ފާރަގެމަ އުފައްދައި ރާއްޖެ އަށް ކުއްތާތަކެއް ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެއެވެ.