ވިޔަފާރި

އިންޖީނު ލޯނާއި، މަސް ދޯނި ލޯނު ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތު އަދާހަމަކުރަނީ


ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ އިންޖީނު ލޯނާއި، މަސް ދޯނި ލޯނު ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތު އަޕްޑޭޓްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށައިފިއެވެ.

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން އިންޖީނު ލޯނު ދޫކޮށްފައިވަނީ 1992 އިން 2001 ވަނަ އަހަރަށެވެ. އިންޖީނު ލޯނު ޕްރޮގްރާމުގެ ދަށުން މަސްވެރިންނަށް ވަނީ ދިގުމުއްދަތަކަށް އަދާކުރާގޮތަށް އިންޖީނު ދޫކޮށްފައެވެ. އަދި މޯފާ ދޯނި (މަސް ދޯނި) ލޯނު ދޫކޮށްފައިވަނީ 1997 އިން 2002 ވަނަ އަހަރުގެ ނިޔަލަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 10 އަހަރު ދުވަހެއް މިނިސްޓްރީން ވަނީ ދީފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އިންޖީނު ލޯނު އަދި މަސް ދޯނި ލޯނު ނަގާފައިވާ ފަރާތްތަކުން އިންޖީނު ނުވަތަ މޯފާ ދޯނި ބޭނުންކުރަމުންދާގޮތާއި ގުޅޭގޮތުން މިމިނިސްޓްރީގެ ފަރާތުން މަޢުލޫމާތު އެއްކުރަމުންދާކަމަށެވެ. މި މައުލޫމާތު އެއްކުރުމުގެ މައިގަނޑު ބޭނުމަކީ އެ އިންޖީނުތަކާއި ދޯނިތައް ހުރި ހާލަތު ދެނެގަނެ، 2 ވަނަ ފަރާތައް ނުވަތަ 3 ވަނަ ފަރާތައް ބަދަކުރެވިފައިވޭތޯ ބަލެންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެ ލޯނު ދޫކުރުމަށްފަހު ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީވެ، އަދި ލޯނު ނަގާފައިވާ ފަރާތްތަކުގެ ދިރިއުޅޭ އެޑްރެހާއި ފޯނު ނަންބަރު ފަދަ މުޙިއްމު މަޢުލޫމާތު ބަދަލުވެ މިފަރާތްތަކާއި މުޢާމަލާތު ކުރުމަށް ދަތިވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މިދެލޯނު ނަގާފައިވާ ފަރާތްތަކުން އެ މިނިސްޓްރީ ގެ ނަންބަރު 3339233 ފޯނަށް ގުޅައި އެފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.