ކުޅިވަރު

ޑިފެންޑަރު މެހެރްދާދް ޕުލާދީ ކުލަބް ވެލެންސިޔާއަށް


2014ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިރާންގެ ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންޑަރު މެހެރްދާދް ޕުލާދީ ރާއްޖޭގެ ކުލަބް ވެލެންސިޔާއާއި ގުޅިއްޖެއެވެ. އުމުރުން 34 އަހަރުގެ ޕުލާދީވަނީ ކުލަބް ވެލެންސިޔާގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވާން ފަށާފައެވެ.

މިސީޒަންގެ ނިޔަލަށް ކުލަބް ވެލެންސިޔާއަށް އިރާންގެ ޑިފެންޑަރު މެހެރްދާދް ޕުލާދީ ކުލަބް ވެލެންސިޔާއާއި ގުޅިފައިވާއިރު، އިރާންގެ 20 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައިވޭ. 2011ވަނަ އަހަރު ސީނިއަރ ގައުމީ ޓީމަށް ޕުލާދީ އެންމެ ފުރަތަމަ ކުޅެންފަށާފައިވަނީ މަޝްހޫރު މާލޯސް ކުއެރޯޒްގެ ކޯޗުކަމުގައެވެ. 2014ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ، ނައިޖީރިޔާ އަދި ބޮސްނިއާއި ދެކޮޅަށް އިރާން ކުޅެފައިވާ މެޗްތަކުގައި މެހެރްދާދް ޕުލާދީ ކުޅެފައިވައިވެއެވެ. 2015ވަނަ އަހަރުގެ އޭޝިއަން ކަޕްގައިވެސް އިރާންގެ ގައުމީ ޓީމްގައި ހިމެނިގެން ޕުލާދީ ކުޅެފައިވެއެވެ. މިމުބާރާތަށްފަހު ޕުލާދީ އީރާނުގެ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. ޕުލާދީވަނީ ގަތަރުގެ އަލް ހައިރިއްޔަތާއި އަލް ޝަހާނީގެ އިތުރުން ތައިލެންޑްގެ ބެންކޮކް ޔުނައިޓެޑަށްވެސް ކުޅެފައެވެ.

ކުލަބް ވެލެންސިޔާއިން އެޓީމް ވަދަރުގަދަ ކުރުމުގެ ގޮތުންވަނީ ސްޕެއިން އަދި ފިންލެންޑްގައި ކުޅެފައިވާ އެޓޭކިން މިޑްފީލްޑަރެއްކަމަށްވާ ބީހަސް މާޓިން އެޓީމްއަށް ގެނެސްފައެވެ. މާލޭގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިހާރު ޕްރިމިއަރ ލީގުގެ ކުޅުން ހުއްޓާލާފައިވާއިރު، އެފްއޭއެމްއިން ދަނީ ލީގްގެ ކުޅުން އަލުން ފެށުމަށް އެޗްޕީއޭއާއިއެކު މަޝްވަރާ ކުރަމުންނެވެ. ލީގް ހުއްޓާލިއިރު ކުލަބް ވެލެންސިޔާ މިވަގުތު އޮތީ އެޓީމް ކުޅުނު 9 މެޗުން ލިބުނު 15 ޕޮއިންޓްއާއެކު ލީގުގެ ދެވަނައިގައެވެ.