ކުޅިވަރު

ހެސޫސް ޕޯޒޯ ބްލާންކޯ މާޒިޔާއާއި ގުޅިއްޖެ



ރެއާލް ބެޓިސްގެ އެކި ޓީމްތަކަށް ކުޅެފައިވާ ޑިފެންޑަރު ހެސޫސް ޕޯޒޯ ބްލާންކޯ އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާއާއި ގުޅިއްޖެއެވެ.

މިސީޒަންއަށް ލީގް ޗެންޕިއަން މާޒިޔާއިން އަންނަނީ އެޓީމް ވަރުގަދަ ކުރަމުންނެވެ. މިދިޔަ ހޯމަ ދުވަހު ބަންދުވި ޓްރާންސްފަރ ނިމުނުއިރު މާޒިޔާއިންވަނީ 4 ކުޅުންތެރިއަކު އެޓީމަށް ގެނެސްފައެވެ. އެންމެ ފަހުން އެޓީމަށް ގުޅިފައިވާ ޑިފެންޑަރު ހެސޫސް ޕޯޒޯ ބްލާންކޯވަނީ 2013-2014ވަނަ އަހަރު ރިއާލް ބެޓިސްގެ ސްކޮޑްގައި ހިމެނިފައެވެ. ރިއަލް ބެޓިސްގެ ބީ ޓީމަށް ދެ އަހަރު ކުޅުމަށްފަހު ބެޓިސްގެ ޑިޕޯޓިވޯ ޓީމަށްވެސް ހެސޫސް ކުޅެފައިވެއެވެ.

އޭއެފްސީ ކަޕަށް އަމާޒްކޮށް މާޒިޔާއިން ޓީމު ވަރުގަދަ ކުރަމުންދާއިރު، އެ ޓީމުންވަނީ ސީރިޔާގެ ގައުމީ ޓީމުގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސް ދެވަނަ ފަހަރަށް މާޒިޔާއަށް ގެނެސްފައެވެ. އަދި ފިލިޕީންސް ލީގުގައި ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރެއްކަމަށްވާ ޓަކާޝީ އޮޑަވާރާގެ ސޮއި ހޯދާފައެވެ. އެންމެ ފަހުގެ ލީގު ޗެންޕިއަން މާޒިޔާއިން ގެނެސްފައިވާ އުމުރުން 28 އަހަރުގެ ޓަކާޝީވަނީ މާޒިޔާގައި މިހާރު ހުރި ކޯޗް ރިސްޓޯ ވިޑަކޮވިޗާއެކު ފިލިޕީންސް ލީގުގެ ސެރެސްގައި މަސައްކަތްކޮށްފައެވެ. ދެވަނަ ފަހަރަށް ސީރިޔާގެ ގައުމީ ޓީމުގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސް މާޒިޔާއާއި ގުޅިފައިވާއިރު އެންމެ ފުރަތަމަ މާޒިޔާއަށް މަހުމޫދު އަލް ޔޫސް ކުޅެފައިވަނީ 2017ވަނަ އަހަރު ވިކްޓްރީއަށް ކުޅުމަށްފަހު، ސީޒަންގެ މެދުތެރެއިން މާޒިޔާއާއި ގުޅިގެންނެވެ. ލީގު ޗެންޕިއަން މާޒިޔާއިންވަނީ ސްޕެއިންގެ ފިޓްނަސް ކޯޗެއްކަމަށްވާ ޕަބްލޯ އަރާންސް ރަމިރޭޒްވެސް އެޓީމަށް ގެނެސްފައެވެ.

މާޒިޔާއިން ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިޮން ޓީމަށް ގެނައިރު ބައެއް ކުޅުންތެރިން ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލާފައެިވެއެވެ. އެގޮތުން ލޯން އެއްބަސްވުމެއްގެ ދަށުން މުޖުތާޒް މުހައްމަދު އާއި އަބްދުﷲ ޖުނައިދު ވަނީ ސުޕަރ ޔުނައިޓަޑަށް ދޫކޮށްލާފައެވެ. ސާބިޔާގެ ކީޕަރު ނިކޮލަ ވުޔަނަކް އާއި ޑިފެންޑަރު ޕީޓަރ ޕްލަނިޗްވެސް މާޒިޔާއިވަނީ ދޫކޮށްލާފައެވެ.

އޭއެފްސީ ކަޕަށް މާޒިޔާއިން ޓީމް ވަރުގަދަ ކުރަމުންދާއިރު އޭއެފްސީ ކަޕްގައި މާޒިޔާ ހިމެނޭ ގުރޫޕް ޑީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. ދެކުނު އޭޝިއާއަށް ހާއްސަ މިގުރޫޕްގައި މާޒިޔާގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއެވެ. ގްރޫޕްގެ ފަހު ޖާގަ ލިބޭނެ ޓީމެއް އިނގޭނީ ކޮލިފައިންގެ މެޗްތަކަށް ފަހުއެވެ.