ދުނިޔެ

އެއްބަސްވުން ގޯސް، އަފްޣާނިސްތާނުގައި ތިބި ސިފައިން އަވަހަކަށް ނުބޭލޭނެ - ބައިޑަން


ކުރިއަށް އޮތް 6 ހަފުތާގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުންވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ޠާލިބާނުންނާއެކު އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެޤައުމުން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500 އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޖޯ ބައިޑަން ވިދާޅުވީ ކުރީގެ ސަރުކާރުން ޠާލިބާނުންނާއެކު އެކުލަވާލައިފައިވާ އެއްބަސްވުމަކީ އެންމެ ރަނގަޅަށް އެކުލަވާލައިފައިވާ އެއްބަސްވުމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ޤައުމަށް ގެންނާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އެކަން ނިންމުމުގައި އެމެރިކާއަށް ވާގިވެރިވާ ފަރާތްތަކާއި ސަރުކާރާއެކު މަޝްވަރާތައް ކުރަމުންދާކަމަށް ރައީސް ބައިޑަން ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ޤައުމަށް ގެނައުމާ ގުޅޭގޮތުން ބައިޑަން ވާހަކަ ދައްކަވާފައި މިވަނީ އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާމެދު ޞުލްޙައިގެ މަޝްވަރާތަކެއް ރަޝިޔާގައި ފެށުމުގެ އެއް ދުވަސް ކުރިންނެވެ. އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމު ނުކުރެވެނީސް އެމެރިކާގައި ތިބި އެ ޤައުމުގެ ސިފައިން އަނބުރާ ގެންގޮސްފިނަމަ އަފްޣާނިސްތާނުގެ ޙާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ގިނަ ފަރާތްތަކަކުންދަނީ ދެމުންނެވެ.