ދުނިޔެ

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވެއްޖެ


ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވެއްޖެއެވެ. ރައީސް މަގުފުލީ އަވަހާރަވިކަން އިޢުލާނު ކުރެއްވީ އެ ޤައުމުގެ ނައިބު ރައީސް ސާމިއާ ސުލުހު ހަސަންއެވެ. އޭނާ ވިދާޅުވީ މަގުފުލީ އަވަހާރަވީ ހިތުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އެ ޤައުމުގެ ދާރުއްސަލާމްގެ ހަސްފަތާލެއްގައި ކަމަށެވެ. މަގުފުލީ އަވަހާރަވިއިރު އުމުރުފުޅަކީ 61 އަހަރެވެ.

އާންމުންނަށް އެންމެ ފަހުން މަގުފުލީ ފެނިފައިވަނީ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުގައެވެ. ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވަންދެން އާންމުންނަށް މަގުފުލީ ފެނުފައި ނުވާތީ އޭނާގެ ޞިއްޙަތާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ޓެންޒޭނިއާގެ ސަރުކާރުން އޭރު ބުނަމުން ދިޔައީ އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ.

ނައިބު ރައީސް ސާމިއާ ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން މަގުފުލީ ކުރިމަތިލައްވަމުންދިޔަ ހިތުގެ މައްސަލަތަކަކާއި ގުޅިގެން މާރިޗު މަހުގެ 6ވަނަ ދުވަހުގައި ޖަކާޔާ ކިކްވެޓް ކާޑިއަކް އިސްޓިޓިއުޓުގައި މަގުފުލީ އެނދުމަތިކޮށް ފަރުވާ ދިންކަމަށެވެ. ނަމަވެސް މާރިޗު މަހުގެ 14ވަނަ ދުވަހުގައި މަގުފުލީގެ ޙާލުކޮޅު އަނެއްކާވެސް ގޯސްވުމުން ހަސްފަތާލަށް ގެންގޮސްފައިކަމަށް އޭނާ ވިދާޅުވިއެވެ. މަގުފުލީ އަވަހާރަވީ މާރިޗު މަހުގެ 17ވަނަ ދުވަހުގައެވެ.

މިދިޔަ އަހަރުގެ ތެރޭގައި މަގުފުލީވަނީ ރައީސްކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ފަސް އަހަރުގެ ދައުރުގެ ބާކީ އޮތް ބައިގައި ރައީސްކަން ކުރައްވާނީ ނައިބު ރައީސް ސާމިއާ ސުލުހު ހަސަންއެވެ.